އިރްތިޝާމް އާދަމް

ރާއްޖޭގައި މެންޓަލް ހެލްތު ޕޮލިސީއެއް އެކުލަވާލަނީ

މެންޓަލް ހެލްތު ޕޮލިސީއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އޯޓިޒަމް އެސޯސިއޭޝަންގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ހެލްތް މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ޕޮލިސީތައް އެކުލަވާލާއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތައް ލިބޭނެ ފަދަ ގޮތަކަށް ޕޮލިސީތައް ރާވައި، ތަންފީޒުކުރަމުން އަންނަ ކަމަށާއި އަދި 10 އަހަރު ދުވަހަށް މެންޓަލް ހެލްތު ޕޮލިސީއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ސަރުކާރުން ޕޮލިސީތައް ހަދާއިރު އޯޓިޒަމް ކުދިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަދި ނުކުޅެދޭ ކުދިންނަށް ބޭނުންވާ އެހީތައް ލިބޭނެ ގޮތަކަށް ޕޮލިސީތައް ރޭވި އަދި ތަންފީޒުކުރެވިގެންދޭ،"

މިނިސްޓަރު ވިދާޅުވީ، އޯޓިޒަމް އެސޯސިއޭޝަނުން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 500 އަށް ވުރެ ގިނަ ކުދިންނަށް ފަރުވާދީފައިވާ ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފުތަރުގައި 200 އަށް ވުރެ ގިނަ އޯޓިޒަމް ހުންނަ ކުދިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުދިންގެ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށް ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި ކުޑަކުދިންނަށް ބޭނުންވާ ފައިދާ ހުރި ކާނާ އާއި މުހިންމު ވެކްސިން ދެވޭނެ ގޮތް ވެސް މޮނިޓަކުރަމުން އަންނަ ކަމަށެވެ.