ޗެލްސީ އަށް ކުޅޭ އިންގްލެންޑް ޑިފެންޑަރު ރީސް ޖޭމްސް އަށް އަނެއްކާ ވެސް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ. ޖޭމްސް އަށް އަނިޔާވީ އަންގާރަ ދުވަހުގެ ރޭ ޗެލްސީ އިން އަމިއްލަ ދަނޑުގައި 0-2 އިން ބޯންމައުތު ބަލިކުރި މެޗުގަ އެވެ.
ވޯލްޑް ކަޕަށް ނެގި އިނގިރޭސި ޓީމުން ޖޭމްސް އަށް ފުރުސަތު ގެއްލުނީ ކަކުލަށް އަނިޔާވެގެންނެވެ. ވޯލްޑް ކަޕް ތެރޭގައި ޖޭމްސް ދިޔައީ އަނިޔާ އިން ރަނގަޅުވުމަށް މަސައްކަތް ކުރަމުންނެވެ. ވޯލްޑް ކަޕަށް ފަހު ޖޭމްސް ފެނުނު ވާދަވެރި ފުރަތަމަ މެޗަކީ ބޯންމައުތު މެޗެވެ. އެކަމަކު އެ މެޗުގެ 53 ވަނަ މިނެޓުގައި ޖޭމްސް ބަދަލުކުރަން ޖެހުނީ ހަމަ އެ ކަކުލަށް އަނިޔާވެގެންނެވެ.
އަނިޔާގެ ތަފްސީލު ހާމަކުރަމުން ޗެލްސީން ބުނީ ޖޭމްސް ގާތްގަނޑަކަށް ހަތަރު ހަފްތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނާނެ ކަމަށެވެ.
ޖޭމްސް ކުރި ޓްވީޓުގައި ބުނީ މިއީ އޭނާ އަށް އެންމެ އުނދަގޫ އަހަރު ކަމަށާއި އަނިޔާގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރާ ކަމަށެވެ. އުއްމީދަކީ އަނިޔާއާ ކުރިމަތިލައި ރަނގަޅުވުން ކަމަށް ޖޭމްސް ބުންޏެވެ.
އުމުރުން 23 އަހަރުގެ ޖޭމްސް އަކީ ފާހަގަކޮށްލެވޭ މޮޅު ޑިފެންޑަރެކެވެ. ޖޭމްސްގެ އަނިޔާގެ ތަފްސީލް އެނގުމުގެ ކުރިން ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނީ އުއްމީދަކީ ޖޭމްސްގެ އަނިޔާ ސީރިއަސް ނުވުން ކަމަށެވެ. އެކަމަކު ޖޭމްސް ދިގު މުއްދަތަކަށް ކުޅުމާ ދުރަންދާން ޖެހުމާ އެކު ޕޮޓާ އަށް މިވަނީ ބޮލުގަ ރިހުމަކާ ކުރިމަތިވެފަ އެވެ. ޑިފެންސަށް ކުޅުނަސް ޖޭމްސް އަކީ އެޓޭކިންގައި މޮޅު ކުޅުންތެރިއެކެވެ. އެހެންވެ ނަތީޖާ ނެރުމުގައި ޖޭމްސްގެ ބޭނުން ކޯޗު އަބަދު ވެސް ހިފަ އެވެ.
އަނިޔާގެ ސަބަބުން ޖޭމްސް އަށް ޕްރިމިއާ ލީގުގެ ފަސް ވަރަކަށް މެޗު ގެއްލޭނެ އެވެ. އޭގެތެރޭގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއި ރަށުން ބޭރުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗު ހިމެނެ އެވެ.