މިނިސްޓްރީ އޮފް ހެލްތު

ޗައިނާ ފަތުރުވެރިން އަންނާތީ ފިޔަވަޅުތައް ވަރުގަދަކުރަނީ

ޗައިނާގެ ބޯޑަރު ހުޅުވާލުމާއިއެކު އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އާމިނަތު ޝަތުފާ ވިދާޅުވީ ޗައިނާގެ ކޮވިޑުގެ ހާލަތު މިހާރު އޮތް ހާލަތަށް ބަލައި، އެ ގައުމުން އަންނަ ފަތުރުވެރިންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި މިނިސްޓްރީން ހާއްސަ ގައިޑްލައިންތަކެއް ތައްޔާރުކުރަމުންދާ މަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އެ ގައިޑްލައިންތައް އާންމުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަތުފާ ވިދާޅުވީ ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ ފެށުމާއިއެކު ކުރިމަތިވެދާނެ ސިއްހީ އިތުރު ނުރައްކާތަކަށްވެސް ހެލްތް މިނިސްޓްރީން ތައްޔާރުވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ގައިޑްލައިނެއް ހެދުމުގެ މަސައްކަތް ކުރަމުން. ޗައިނާއިން އަންނަ ފަތުރުވެރިންނަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅޭނެ،" ޝަތުފާ ވިދާޅުވި އެވެ.

ތިން އަހަރު ދުވަސް ވަންދެން ގައުމު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަންނަ ޖެނުއަރީ އަށެއްގައި ޗައިނާގެ ބޯޑަރު ހުޅުވާލުމަށް އެ ގައުމުން ވަނީ ނިންމާފައެވެ. ޗައިނާގެ މި ނިންމުމާ ގުޅިގެން އަލުން ކޮވިޑު ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެހެން ގައުމުތަކަށް އެބައޮތެވެ.

ޗައިނާގައި އަދިވެސް ކޮވިޑް ކޮންޓްރޯލް ނުކުރެވެ އެވެ. ބައެއް ސަރަހައްދުތައް އަދިވެސް އޮތީ ލޮކްޑައުންކޮށް ބަންދުކޮށްފަ އެވެ. ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބާރުބޮޑުވެ ފަރުވާދިނުމަށް ވެސް އޮތީ ދަތިވެފަ އެވެ.

އޭޝިއާގެ ގައުމުތަކުގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ޗައިނާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވާން ފަށާފަ އެވެ.