ފޮރިން މިނިސްޓްރީ

ރާއްޖޭގެ ހާރިޖީ ސިޔާސަތު ބުނެދިނުމަށް ހާއްސަ ޕްރޮގްރާމުތަކެއް ފަށަނީ

ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އަންނަ އަހަރު ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ފޮރިން ސާވިސް އިންސްޓިޓިއުޓް (ފޮސިމް) އިން ނިންމައިފި އެވެ.

ފޮސިމް އިން ބުނީ ނމި ޕްރޮގްރާމްތަކުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ ހާއްސަ ކަންކަމާއި މި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ސަރުކާރު ވުޒާރާތަކުގެ އިތުރުން ސްކޫލް އަދި ޔުނިވާސިޓީތަކުގެ ދަރިވަރުންނާ ހިއްސާކުރާނެ ކަމަށެވެ.

މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޮސިމް އައުޓްރީޗް ޕްރޮގްރާމުގެ ދަށުންނެވެ. މި ޕްރޮގްރާމްތަކުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު އެކި މޮޑިއުލް ތަކަކަށް ބަހާލައިގެންނެވެ.

މި އަހަރު އަމަލުކުރަން ފެށި ފޮރިން ސާވިސް ގާނޫނުގެ ދަށުން ރާއްޖޭގެ ހާރިޖީ ސިޔާސަތާއި، ހާރިޖީ ސިޔާސަތާ ގުޅޭ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި އާންމުންގެ އިތުރުން ކިޔަ ވާކުދިން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަކީ ފޮރިން ސާވިސް އިންސްޓިޓިއުޓުގެ ޒިންމާ އެކެވެ.

މި ގާނޫނާއެކު ފޮރިން ސާވިސް އިންސްޓިޓިއުޓް އަކީ މިހާރު އަމިއްލަ ބާރުތަކެއް ލިބިގެން ހިންގާ އިދާރާއެކެވެ.

އަންނަ އަހަރު ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ދައުވަތު ސަރުކާރު ވުޒާރާތަކާއި، ޔުނިވަސިޓީތަކަށް ދީފއިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.