ކުޅިވަރު

ރާއްޖެ، ސެންޓްރަލް ޒޯން ބީޗް ވޮލީގެ ފައިނަލަށް ދަތުރުކޮށްފި

އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) ގެ ޕެއާ ދަތުރުކޮށްފި އެވެ.

ރާއްޖޭގެ ޕެއާ ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ސެމީ ފައިނަލުގައި މުބާރާތް ބާއްވާ ބަންގްލަދޭޝް ބަލިކޮށްގެންނެވެ. ރާއްޖޭގެ އެއްވަނަ ޕެއާއާ ދެކޮޅަށް ބަންގްލަދޭޝް އިން ނުކުތީ ހޮރޮޝިތު ބިސްވަސް އާއި ޕަވެލް އެވެ. މެޗުގެ ދެ ސެޓު ރާއްޖޭގެ ޓީމުން ގެންދިޔައީ 22-20 އަދި 22-20 އިންނެވެ.

ފައިނަލުގައި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ނުކުންނާނީ ނޭޕާލުގެ އެއްވަނަ ޕެއާއާ ދެކޮޅަށެވެ. ނޭޕާލްގެ މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބަހާދުރު ފައިނަލަށް ދަތުރުކުރީ ކިރްގިސްތާންގެ ޕެއާ ބަލިކޮށްފަ އެވެ.

މުބާރާތުގައި ރާއްޖޭން ވާދަކުރި އަނެއް ޕެއާ ކަމަށްވާ ޝަމާއިލް ހުސައިން އާއި އަހުމަދު މުހައްމަދު (ކޯކޭ) ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން އެއް މެޗު މި ދެކުޅުންތެރިން ކާމިޔާބުކުރި އެވެ.

ގައުމީ ޓީމުގެ ކޯޗަކީ ބްރެޒިލްގެ ވިނީޝިއަސް އެވެ. އެސިސްޓެންޓް ކޯޗަކީ އަހުމަދު އަނިލް ނަސީރު އެވެ. ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ.
ބްރެޒިލްގެ ކޯޗުގެ އިރުޝާދުގެ ދަށުން ބީޗް ވޮލީބޯޅަ ޓީމް ވަނީ މަހެއްހާ ދުވަހު ޕްރެކްޓިސް ކޮށްފަ އެވެ. މުބާރާތަށް ބީޗްވޮލީ ޓީމް ފުރީ މެޑަލަކަށް އަމާޒު ކޮށްގެންނެވެ. ފައިނަލުގެ ޖާގައެއް ލިބުމާއެކު މިހާރު ރާއްޖޭގެ ޓީމުގެ އަމާޒަކީ ރަން މެޑަލް ކަށަވަރު ކުރުމެވެ.

ރާއްޖެ އާއި ނޭޕާލް ވާދަކުރާ ބީޗް ވޮލީ ފައިނަލް މެޗު އޮންނާނީ މާދަމާ ހެނދުނު އެވެ.