ދީން

މިދިޔަ އަހަރު 40 އަށް ވުރެ ގިނަ ބިދޭސީން ރާއްޖޭގައި އިސްލާމްވި

ދެހާސް ފަނަރަ އަހަރު ރާއްޖޭގައި 40 އަށް ވުރެ ގިނަ ބިދޭސީން އިސްލާމް ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީއާ ހަވާލާދީ ޕީއެސްއެމް އިން ބުނެފައި ވަނީ އިސްލާމް ދީނަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެކަމަށް މަގުފަހި ކޮށްދިނުމުގެ މަސައްކަތަކީ އެމިނިސްޓްރީން ވަރަށް އަހައްމިއްޔަތުކަންދޭ މަސައްކަތެއް ކަމަށާއި އެގޮތުން މިދިޔަ އަހަރަކީ ފާހަގަކޮށްލެވޭ ވަރަށް ބިދޭސީން ރާއްޖޭގައި އިސްލާމް ދީން ގަބޫލުކޮށްފައިވާ އަހަރެއް ކަމަށެވެ.

އެމިނިސްޓްރީ އިން ބުނީ ވޭތުވެދިޔަ އަހަރު 46 މީހުންނަށް އިސްލާމް ދީނުގެ މަތިވެރި ނިއުމަތް ލިބިފައިވާއިރު އޭގެތެރޭގައި ހިމެނެނީ 22 ގައުމަކުން 34 އަންހެނުންނާއި، 12 ފިރިހެނުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ 10 އަހަރު ތެރޭގައި ރާއްޖޭގައި އިސްލާމްވީ ބިދޭސީންގެ އަދަދު ވަނީ 360 އަށް ވުރެ ގިނަ ވެފައެވެ. މީގެތެރޭގައި ހިމެނެނީ، 213 އަންހެނުންނާއި، 153 ފިރިހެނުން ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.