ހަބަރު

ޗައިނާގެ އަސްކަރީ ބޭނުމަށް ރާއްޖެއިން ބިމެއް ނުދޭނެ: ސަރުކާރު

އަސްކަރީ އެއްވެސް ކަމަކަށް ޗައިނާއަށް ބިމެއް ދޭން ދިވެހި ސަރުކާރުން މިހާތަަނަށް ނިންމާފައި ނެތް ކަމަށް ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައި ވަނީ އަސްކަރީ ކަންކަމުގައި ބޭނުން ކުރަން ޗައިނާއަށް ލ. އަތޮޅުން ބިމެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެއީ ސަރަހައްދުގެ ސުލްހައަށް އޮތް ހުރަހެއް ކަމަށެވެ.

އެކަން ދޮގު ކުރައްވާ ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަސްކަރީ ކަންކަމުގައި ބޭނުން ކުރުމަށް ޗައިނާއަށް ވެސް އަދި އެހެން ގައުމަކަށް ވެސް ދޭނެ ބިމެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ރާއްޖޭގައި ބިމުގެ ދަތިކަން ބޮޑު އިރު، އަސްކަރީ ކަންކަމަށް ވުރެ މުހިންމު ކަންތައްތަކަށް ބިން ދޫކުރުމުގައި ސަރުކާރުގެ ވިސްނުން ހުރި ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި މަދު ބިންތައް އުފެއްދުންތެރި ގޮތަށް ބޭނުން ކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

"އަސްކަރީ ކަމަކަށް ދޭނެ ބިމެއް ރާއްޖޭގައި ނެތް. އަދި ޗައިނާގެ އަސްކަރީ ބޭނުމަކަށް ރާއްޖޭން ބިމެއް ނުދޭނެ. އެއީ ކަނޑައެޅިގެން ދޮގެއް،" އޮފިޝަލް ވިދާޅުވި އެވެ.

މިފަހަކަށް އައިސް ރާއްޖެ - ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެ، ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ވަނީ އިތުރުވެފަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީން ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ.