ޓޫރިޒަމް

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔަކީ ރަޝިއާ މީހެއް

Jan 1, 2023

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔަކަށް ރަޝިއާގެ ނިކޮލާއި ސްރަޓިޗުކް ވެއްޖެ އެވެ.

އާއިލާއާ އެކު ރާއްޖެއަށް ޗުއްޓީއަށް އައި ނިކޮލާއި އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާކީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީއާއި އެމްއޭސީއެކްގެ އިސްވެރިންނެވެ.

ނިކޮލާއި އަށް ރާއްޖޭގައި ފަސް ދުވަހު ހުރުމަށް ހުރިހާ ހަރަދެއް ވަނީ ހަމަޖައްސައިދީފަ އެވެ. އޭނާ ޗުއްޓީ ހޭދަކުރާނީ ރީތި ފަރު ރިޒޯޓުގަ އެވެ.

އެމްއެމްޕީއާރްސީ އިން މިއަދު ބުނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ސަރުކާރާ ގުޅިިގެން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަށް ވުރެ ގިނަ މަސައްކަތް މިއަހަރު ކުރާނެ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ އަމާޒަށް ވާސިލްވުމަށް މުހިއްމު މަސައްކަތްތަކެއް ރޭވިފައި ހުރި ކަމަށްވެސް ބުންޏެވެ.

ރާއްޖެއަށް މިދިޔަ އަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް އެވޯޑް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލިބުމާއި "ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑް"ގެ ލަގަބު އެމްއެމްޕީއާރްސީއަށް ލިބުމެވެ.

ރާއްޖެއިން މިދިޔަ އަހަރު އަމާޒު ކަނޑައެޅީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. އަހަރު ނިމުމުގެ މާކުރިން ސަރުކާރުން ވަނީ އެ އަމާޒު ވެސް ހާސިލްކޮށްފަ އެވެ.

އެމްއެމްޕީއާރްސީ އިން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކަނިވެސް 88 މާކެޓެއްގައި ކެމްޕޭންތަކެއް ކުރިއަށް ގެންގޮސް 42 ފެއާއަކާއި އަށް ރޯޑްޝޯއެއްގައި ބައިވެރިވެފަ އެވެ.