ލައިފްސްޓައިލް

ޖިނާ: މޯލްޑިވިއަން އައިޑޮލްގެ އެންމެ އެތެރޭގެ އަޑު

  • އައިޑޮލްގެ ސައުންޑުގެ މައި ސިކުނޑި އަކީ ޖިނާ
  • ޓީވީއެމްގައި މަސައްކަތް ކުރާތާ މިހާރު 19 އަހަރު
  • އައިޑޮލް އަކީ ކެރިއަރުގެ އެންމެ ބޮޑު ޓެސްޓް

އޭނާ ސްކޫލްގައި އުޅުނިއިރު ވެސް ކެމެރާއެއް ހޯދައިގެން ވީޑިއޯ ޝޫޓްކޮށް އެއިން އުފެއްދުންތައް އުފައްދައި އުޅުނެވެ. ދެ ވީސިއާރު ބޭނުންކޮށްގެން ވީޑިއޯ އެޑިޓްކޮށް އުޅުނެވެ. އޭނާއަކީ ޓެކްނިކަލް މީހެވެ. މިއީ ޓީވީއެމްގެ ސައުންޑް އިންޖިނޭރު މުހައްމަދު ޖިނާހު (ޖިނާ) އެވެ.

ޓެކްނީޝަނެއްގެ ވަޒީފާއަށް ޓީވީއެމް އަށް ވަން ޖިނާގެ ޝައުގުވެރިކަން އެއާއެކު އެނބުރުނީ ސައުންޑަށެވެ. އެހެންވެ އޭނާ ހާއްސަ ވެގެން ދިޔައީ ޓީވީއެމްގެ އެންމެ ކުޅަދާނަ ސައުންޑް އިންޖިނޭރުގެ ގޮތުގަ އެވެ. މިއަދު ޓީވީއެމް އިން ފަހުރުވެރިކަމާ އެކު އެމީހުންގެ އެންމެ ތަޖުރިބާކާރު އަދި އެންމެ މޮޅު ސައުންޑް އިންޖިނިއަރެއްގެ ގޮތުގައި ނަގައި ދައްކަން ހުރީ ވެސް ހަމަ ޖިނާ އެވެ.

"ވަރަށް ޝައުގުވެރިކަން ހުރޭ މިކަމަށް. އެހެންވެ [ސައުންޑް]ގެ ދާއިރާއިން ކުރިއަށް މި ދަނީ. ނަމަވެސް ގާތްގަނޑަކަށް އެޓިޑިން ނޫން ހުރިހާ ކަމެއްގައި ވެސް އުޅެވޭ،" ޖިނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުރިއާ އަޅާ ބަލާއިރު ސައުންޑުގެ ކަންތައްތަކުގައި "މާބޮޑު ތަފާތެެއް" ނެތް ކަމަށާއި، ހަމައެކަނި ތަފާތަކީ މި ޒަމާނުގައި އިކްއިޕްމަންޓް ކުޑަވުމެވެ.

މި ހުރިހާ މަސައްކަތުގެ ތެރެއިން ވެސް ޖިނާ އަށް މިހާރު ކުރާ މަސައްކަތް ވަރަށް ތަފާތެވެ. "މޯލްޑިވިއަން އައިޑޮލް" ގައި ޖިނާ އެ ދަނީ މުޅިން ތަފާތު ތަޖުރިބާއެއް ކުރަމުންނެވެ. މީގެ ސަބަބަކީ މި ޝޯއަކީ ބޭރުގެ ފްރެންޗައިޒަކަށްވުމެވެ. މިހެންވުމުން ހުރިހާ ކަމެއް ވެސް ހިނގަނީ ބޭރުގައި މި މަސައްކަތް ކުރާ ސްޓޭންޑަށެވެ.

"ޓީވީގައި މިވީ ހުރިިހާ ދުވަހެއްގައި ވެސް މިވަރުގެ ތަޖުރިބާއެއް ނުކުރަން. ވަރަށް ތަފާތު ކަމެއް މިއީ. އަދިވެސް އަޅުގަނޑުމެންނަށް ބޭނުންވާ ވަރަށް ނުކުރެވޭ. ސަބަބަކީ އިކްއިމްޕްމަންޓް ނެތުން. ނަމަވެސް ދެވަނަ ބުރަށް [ގާލާ ރައުންޑް] އަށް ދާއިރު އެ މަސައްކަތް ފުރިހަމަ ވާނެ،" ޖިނާ ބުންޏެވެ.

އޭނާ ބުނީ ޓީވީއެމްގައި ހޭދަކުރި 19 އަހަރުގައި ނުލިބޭހާ ތަފާތު ތަޖުރިބާ މޯލްޑިވިއަން އައިޑޮލް ޝޯގައި މަސައްކަތް ކުރުމުން ލިބިއްޖެ އެވެ.

"[މޯލްޑިވިއަން އައިޑޮލް] އަށް ވަރަށް މަސައްކަތް ކުރަން ޖެހޭ. މީގެ މަންޒަރެއް ނަގަން ވަރަށް ގިނަ ލޮކޭޝަންތައް ބަލަންޖެހޭ. މީގައި ބަލަން ޖެހޭ ސައުންޑަށް. އެހެންވެ ކުރިން ނުބަލާ ވަރަށް ބަލަން ޖެހޭ. މިސާލަކަށް މާހައުލުގެ އަޑު ހުންނަ ގޮތުން ވެސް ނުނެގޭ."

އޭނާ ބުނި ގޮތުގައި ރާއްޖޭގައި މިފަދަ މަސައްކަތްތައް ކުރަން ތިބޭ މީހުން މަދުކަމުން ބޭރު މީހުން ހައިރާންވާ ކަމަށެވެ.

"އިންޑިއަން އައިޑޮލް ޖޫނިއާ ބަލާލަން ދިޔައިރު އެކޮޅުގައި ވަރަށް ތަފާތު. ކޮންމެ ކަމަށް މިތިބެނީ ވަކި ބައެއް. މައިކު ޖަހަންވެސް މިތިބެނީ ވަކި ބައެއް. ގާތްގަނޑަކަށް 300 މީހުން މުޅި ޕްރޮޖެކްޓުގައި އުޅޭ. ނަމަވެސް ރާއްޖޭގައި މިކުރަނީ 30 އަކަށް މީހުން،" އިންޑިއަން އައިޑޮލް ޝޯގެ ތަޖުރިބާ ހިއްސާ ކުރަމުން ޖިނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިންޑިޔަން އައިޑޮލް ނަގާއިރު ސައުންޑަށް ވަކި ބަޔަކު ތިބޭ ކަމަށާއި، ރާއްޖޭގައި މަސައްކަތް ކުރާ ގޮތުން އެމީހުން ހައިރާންވާ ކަމަށެވެ.

"އެޑިޓް ކުރާ މީހުން ވެސް ވަކިން ތިބެނީ. އެ މީހުން ވަރަށް ފާހަގަ ކުރޭ ދިވެހިން މަދު މީސްކޮޅެއް ހުރިހާ ކަމެއް ކުރާތީ ހައިރާންވޭ،" ޖިނާ ބުންޏެވެ.

ޖިނާ ބުނި ގޮތުގައި މޯލްޑިވިއަންގެ މަސައްކަތަކީ ވަރަށް ބުރަ، އެކަމު ކުރާ ހިތުން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިކަމަށް އެންމެ ބޮޑު ހިތްވަރެއް ލިިބިގެން ދިޔައީ ފުރަތަމަ ޝޯއަށް ފަހު އާއްމުންގެ ފަރާތުން ލިބުނު ހިޔާލުގެ މައްޗަށް ކަމަށް އޭނާ ބުންޏެވެ.

"ސޯޝަލް މީޑިޔާއަށް ބަލައިލުމުން ވަރަށް އުފާވި. މިވަރުގެ ތަރުހީބެއް ލިބޭނެ ކަމަށް އުންމީދެއް ނުކުރަން. ނަމަވެސް މިހާރު އެނގިއްޖެ، އެހެންވެ ވަރަށް އުފާވި،" ޖިނާ ބުންޏެވެ.