ފްރެންޗް ލީގު މެޗަކުން ބަލިނުވާތާ ނުވަ މަސް ފަހުން ޕީއެސްޖީ ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ. މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ލެންސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ 1-3 އިންނެވެ.
ޕީއެސްޖީ އަތުން ހޯދި ބޮޑު މޮޅާ އެކު ލެންސް ވަނީ އެއްވަނައިގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ޕީއެސްޖީ 44 ޕޮއިންޓުގައި އޮތްއިރު ލެންސް އޮތީ 40 ޕޮއިންޓުގަ އެވެ. ތިންވަނައިގައި އޮތް މާސޭ އާއި ހަތަރު ވަނައިގައި އޮތް މޮނާކޯ ވަނީ 33 ޕޮއިންޓް ހޯދާފަ އެވެ. މިވަގުތު ތާވަލު އޮތްގޮތުން ޕީއެސްޖީއާ އެކު ލީގު ތައްޓަށް ވާދަކުރާނީ ލެންސް އެވެ.
ޕީއެސްޖީ ލީގު މެޗަކުން އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހު އެވެ. އެ މެޗުގައި މޮނާކޯއާ ވާދަކޮށް ބަލިވީ 0-3 އިންނެވެ. އޭގެފަހުން ޕީއެސްޖީ އައީ ލީގުގެ ފޯމު ދަމަހައްޓަމުންނެވެ. މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދުމުގެ އިތުރުން މިފަހަރުގެ ލީގު ފުރަތަމަ 16 މެޗުގައި ބަލިނުވެ ފަރުޖައްސާލި އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ފަސް ވަނަ މިނެޓުގައި ޖެހީ ލެންސްގެ ޒެމިސްލޯ ފްރަންކޯސްކީ އެވެ. އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ހޫގޯ އެކިޓިކޭ އެވެ. އެކަމަކު 28 ވަނަ މިނެޓުގައި ލެންސްގެ އޮޕެންޑާ ވަނީ އެޓީމަށް އަލުން ލީޑު ނަގައިދީފަ އެވެ.
ލެންސްގެ ތިންވަނަ ގޯލު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލެކްސިސް ކްލައުޑޭ-މުރައިސް އެވެ.
ރޭގެ މެޗަށް ޕީއެސްޖީ ނުކުތްއިރު ނޭމާ ހުރީ ސަސްޕެންޝަނުގަ އެވެ. އަދި ފީފާ ވޯލްޑް ކަޕަށް ފަހު ލިއޮނެލް މެސީ އަދި ޓީމާ ގުޅިފައެއްނުވެ އެވެ. އެކަމަކު ކިލިއަން އެމްބާޕޭ ވަނީ މެޗު އެއްކޮށް ކުޅެފަ އެވެ.
ލެންސް ޕީއެސްޖީ އަށް ޕްރެޝަރު ކުރަމުން އަންނައިރު މި ސީޒަނުގެ ލީގުގައި ކުޅުނު 17 މެޗުގެ ތެރެއިން އެޓީމު ބަލިވީ އެންމެ މެޗަކުންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗު އެޓީމުން ކާމިޔާބުކުރި އެވެ. އަދި އަމިއްލަ ދަނޑުގައި ކުޅުނު ލީގު ނުވަ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.