އިމިގްރޭޝަން

ވަކި ގައުމަކަށް ނުބަލައި ޑީޕޯޓް ކުރަންޖެހޭ މީހުން ޑީޕޯޓް ކުރާނެ: އިމިގްރޭޝަން

Jan 23, 2016
  • ޝެއާޑް ރެސްޕޮންސިބިލިޓީ ޕްރޮގްރާމް ވަނީ ނިމިފައި
  • ގަވައިދާ ހިލާފު ބިދޭސީން ޑީޕޯޓް ނުކުރާނެ ނުދަންނަވަން
  • ގަވައިދާ ހިލާފު މީހުނަށް ފުރުސަތުދޭން ގައުމަކާ މަޝްވަރާއެއް ނުކުރޭ

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ ބިދޭސީން ރާއްޖެއިން ޑީޕޯޓް ނުކުރަން ނިންމައި އެއްވެސް ފަރާތެއްގައި ދަންނަވާފައި ނުވާނެ ކަމަށާއި ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުރަންޖެހޭ ބިދޭސީން ގައުމީ ނިސްބަތަށް ބެލުމެއް ނެތި ޑީޕޯޓް ކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ބަނގްލަދޭޝްގެ ނޫހެއް ކަމަށްވާ "ޑާކާ ޓްރިބުއުން" ގައި ޝާއިއު ކުރި ހަބަރަކާ ގުޅިގެން ފެތުރުނު މީޑީއާ ރިޕޯޓްތަކަށް ރައްދުދެއްވައި އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ އެީ ހަގީގަތް ނުހޯދާއި ލިޔަމުންދާ ރިޕޯޓްތަކެއް ކަމަށާއި ރާއްޖޭގައި ގަވައިދާހިލާފަށް އުޅެމުންދާ ބިދޭސީންގެ ކަންކަން މެނޭޖް ކުރުމުގެ ގޮތުން މިދިއަ އަހަރު ޕްރޮގްރާމެއް ހިންގި ކަމަށާއި އެ ޕްރޮގްރާމްގައި "ޝެއާޑް ރެސްޕޮންސިބިލިޓީ" ޕްރޮގްރާމެއްގެ ތެރެއިން ސައްހަ ލިޔުމެއް ނެތި އުޅެމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށެއްގެ ތުހުމަތެއް ނެތް އަދި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައި ނުވާ ފަރާތްތަކަށް ގަވައިދާ އެއްގޮތަށް އުޅުމުގެ ފުރުސަތެއް ދިނުމަށް ކަނޑައެޅި ކަމަށެވެ.

އެ ޑިޕާޓްމަންޓުން ބުނީ އެ ޕްރޮގްރާމްގެ ދަށުން އެފަދަ ފަރާތްތަކަށް ރާއްޖޭގައި ވަޒީފާ އަދާ ކުރަން ފުރުސަތު ދިިނީ ޑިސެމްބަރު 31، 2015 އާ ހަމައަށް އިމިގްރޭޝަންގައި ރަޖިސްޓްރީވި ފަރާތްތަކަށް ކަމަށާއި މިހާރު އެ ޕްރޮގްރާމް ނިމި ޝެއާޑް ރެސްޕޮންސިބިލިޓީ ޕްރޮގްރާމް ބަންދުވެފައިވާ ކަމަށެވެ.

"... ޑިޕާޓްމަންޓުް ކުރިޔަށްގެންދާ ޕްރޮގްރާމެއްގައި ވަކި ގައުމެއްގެ ބަޔަކަށް ތަފާތުކޮށް އަމަލުކުރަން ނިންމާފައެއް ނުވާނެ އެވެ. އަދި އަމަލުކޮށްފައެއް ވެސް ނުވާނެ އެވެ. މި ޑިޕާޓްމަންޓުން މިހާތަނަށް ބޭއްވި އެއްވެސް ބައްދަލުވުމެއްގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީން ރާއްޖެއިން ޑީޕޯޓް ކުރަމުން ނުދާނެ ކަމަށް އެއްވެސް ފަރާތެއްގައި ދަންނަވާފައެއް ނުވާނެ އެވެ. ގަވައިދާ ހިލާފަށް އުޅެފައިވާ ބިދޭސީން ރާއްޖޭގައި ވާޒީފާ އަދާ ކުރަން މަޑުކުރުމުގެ ފުރުސަތު ދިނުމަށް މިހާތަނަށް އެއްވެސް ގައުމަކާއެކު ދިވެހި ސަރުކާރުން މަޝްވަރާކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެސް ނުވާނެ އެވެ،" އިމިގްރޭޝަންގެ ބަޔާނުގައި ވެއެވެ.

އިމިގްރޭޝަނުން ބުނީ ގާނޫނާ ހިލާފުވާ ބިދޭސީންގެ ތެރެއިން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުރަންޖެހޭ ބިދޭސީން ގައުމީ ނިސްބަތަށް ބެލުމެއް ނެތި ޑީޕޯޓް ކުރާނެ ކަމަށާއި ޑާކާ ޓްރިބިއުންގައި އިޝާރާތްކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު މާރުކޭޓް ގޮޅިތަކުގައި ތިއްބާ އިމިގްރޭޝަނުން ހިފެހެއްޓި 33 ބިދޭސީންނަށް ކަމަށާއި އެ 33 މީހުންގެ މައްސަލަ ބެލުމަށްފަހު އޭގެ ތެރެއިން ޑީޕޯޓް ކުރަންޖެހޭ ފަރާތްތައްވެސް ޑީޕޯޓް ކުރާނެ ކަމަށާއި ދެވެން ވެސް ގާނޫނާއި ގަވައިދާ ހިލާފުވާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.