ރަޝިއާ ޖާސޫސުންގެ ހަރަކާތްތައް ޖަރުމަނުގައި އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެ ޖަރުމަނުގެ ޑޮމެސްޓިކް އިންޓެލިޖެންސްގެ ވެރިޔާ އިންޒާރު ދެއްވައިފި އެވެ.
ޖަރުމަނުގައި ރަޝިއާ ޖާސޫސުންގެ ބިރު އަބަދުވެސް އޮންނަ ކަމަށް ފެޑެރަލް އޮފީސް ފޮ ދަ ޕްރޮޓެކްޝަން އޮފް ދަ ކޮންސްޓިޓިއުޝަންގެ ވެރިޔާ ތޯމަސް ހާލްޑެންވާގް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔުކްރޭން ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް ޖާސޫސުންގެ އުނދަގޫ ބޮޑުވާނެ ކަމަށެވެ.
ތޯމަސް ވިދާޅުވި ގޮތުގައި ޖަރުމަނުގެ އިދާރާތަކުގައި ޑަބަލް އޭޖެންޓުން ހަރަކާތްތެރިވާކަން ވަނީ ކަށަވަރުވެފަ އެވެ. މިދާކަށް ދުވަހު -- އާ އަހަރު ފެށެން ކުޑަތަންވެފައި ވަނިކޮށް -- ފޮރިން ސީކްރެޓް ސާވިސް އިން ހައްޔަރުކުރީ ވެސް އެކަހަލަ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހައްޔަރުކުރި މީހާގެ މައްޗަށް ތުހުމަތު ކުރެވެނީ ރަޝިއާގެ އިންޓެލިޖެންސް ސާވިސްއަށް ސިއްރު މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ.
ތޯމަސް ވިދާޅުވި ގޮތުގައި ރަޝިއާގެ 40 އޮފިޝަލަކު ޖަރުމަނުވިލާތުން ބޭރުކުރާނެކަން އިއުލާންކޮށްފައި ވުމުން އެކަމަށް މޮސްކޯއިން ބަދަލުހިފާނެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާ ސިފައިން ޔޫކްރޭނަށް ދޭންފެށި ހަނގުރާމައާއި ގުޅިގެން ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ ރަޝިއާގެ އެޖެންޓުން ބޭރުކޮށްފަ އެވެ.
ޔޫރަޕްގެ ގައުމުތަކުގައި މިހާރު ތިބި ރަޝިއާ އޮފިޝަލުންގެ ތެރެއިން ހޮވާލެވޭ ބަޔަކު ބޭރުކުރާނެ ކަމަށް ގައުމުތަކުން ބުނެ އެވެ.
ރަޝިއާގެ އާންމު ރައްޔިތުންނަށް ޖަރުމަނުގައި މާބޮޑު ކަންތައްތަކެއް ދިމާވާނެ ކަމަށް ނުބެލެވޭ ކަމަށް ތޯމަސް ވިދާޅުވި އެވެ. އެހެންނަމަވެސް ޖާސޫސްކުރުމާއި ވަކި މީހަކަށް އަމާޒުކޮށް ހަމަލާދިނުމަށް ރަޝިއާ އިން ފޮނުވާ އޭޖެންޓުންނަށް ޖަރުމަނުގައި ފުރުސަތު ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ޝައްކުކުރެވޭ މީހެއް ނަމަ އެ މީހަކަށް ވިސާ ދިނުމުގައި ހަރުކަށި އުސޫލުތަކަށް އަމަލުކުރެވޭނެ ކަމަށެވެ.
ރަޝިއާގެ ސައިބާ ހަމަލާތައް އިތުރުވުމަކީ ވެސް ޖަރުމަނަށް އޮތް ބުރައެއް ކަމަށް ތޯމަސް ވިދާޅުވި އެވެ.
ޖަރުމަނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި ޖަރުމަން ބަދުނާމުކުރުމަކީ ވެސް ރަޝިއާ އިން ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.