ޑރ. މުހައްމަދު މުއިއްޒު

މޭޔަރު މުއިއްޒު ހައްޔަރުކޮށްފި

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްޔަރު ކޮށްފި އެވެ.

މޭޔަރު މުއިއްޒު ހައްޔަރު ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާއި ގުޅިގެން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ.

މިއީ މުޒާހަރާއެއްގެ ތެރެއިން ޑރ. މުއިއްޒު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.

މުއިއްޒު ހައްޔަރުކުރުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕީޕީއެމުން ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެގައި ބައިވެރިވެ ވަޑައިގަންނަވާ ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ޝުއޫރު ފާޅު ކުރައްވަނިކޮށް މާލެ ސިޓީގެ މޭޔަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި އިތުރަށް ފާހަގަކުރި ގޮތުގައި މިއީ ޝުއޫރު ފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށް މާލެ ސިޓީ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ހުންނެވި މޭޔަރުގެ ބާރު ކަނޑުވާލާ އަޑު ކަނޑުވާލުމަށް ހިންގި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ. އަދި މިއީ ޑިމޮކްރަސީ ވެއްޓެއްގައި ކަންވާޖެހޭ ގޮތްކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް ޔާމީންއަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ ރައީސް ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް-ޕީއެންސީން ދަނީ އެރޭއިން ފެށިގެން ކޮންމެ ރެއަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.