ޕީޕީއެމް

މޭޔަރު މުއިއްޒު ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޫކޮށްލައިފި އެވެ.

މޭޔަރު މުއިއްޒު ހައްޔަރު ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާ ގުޅިގެން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ.

ހައްޔަރުކުރުމަށްފަހު ދޫކޮށްލުމުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މުޒާހަރާތައް އިތުރަށް ވަރުގަދަވާނެ ކަމަށާއި މީހުން ހައްޔަރުކޮށް ބިރު ދައްކަން އުޅުނަސް ކަންބޮޑުނުވާ ކަމަށެވެ.

މިއީ މުޒާހަރާއެއްގެ ތެރެއިން ޑރ. މުއިއްޒު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.

މުއިއްޒު ހައްޔަރުކުރުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޭޔަރު މުއިއްޒު ހައްޔަރުކުރީ ޕީޕީއެމް އިން ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެގައި ބައިވެރިވެވަޑައިގެން ގާނޫނުއަސާސީ އިން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ޝުއޫރު ފާޅުކުރައްވަނިކޮށް ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި އިތުރަށް ބުނި ގޮތުގައި މިއީ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް މާލެ ސިޓީ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ހުންނެވި މޭޔަރުގެ ބާރުކަނޑުވާލާ އަޑު ކަނޑުވާލުމަށް ހިންގި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ. އަދި މިއީ ޑިމޮކްރަސީ ވެއްޓެއްގައި ކަންވާޖެހޭ ގޮތް ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް ޔާމީންއަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ ރައީސް ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް-ޕީއެންސީން ދަނީ އެރެއިން ފެށިގެން ކޮންމެ ރެއަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.