އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކުރި މެޗު 0-0 އިން އެއްވަރުވިއިރު މެންޗެސްޓާ ޔުނައިޓެޑުން ބޯންމައުތާ ވާދަކުރި މެޗު 0-3 އިން ކާމިޔާބުކޮށްފި އެވެ.
އާސެނަލް އާއި ނިއުސާލް އަކީ މި ސީޒަނުގައި ލީގުގެ އެންމެ ކުރިއަށް ވާދަކުރަމުން އަންނަ ދެ ޓީމެވެ. ރޭގެ މެޗުން މޮޅުވެގެން އާސެނަލަށް އެއްވަނައިގެ ލީޑު 10 ޕޮއިންޓަށް ފުޅާކުރެވުނީހެވެ. އާސެނަލް 44 ޕޮއިންޓާ އެކު އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ސިޓީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
ނިއުކާސަލް އޮތީ 35 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވެސް ވަނީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދާފަ އެވެ. ޔުނައިޓެޑަށް ފައިދާ ހަތް ގޯލު އޮތްއިރު ނިއުކާސަލަށް ފައިދާ 21 ގޯލު ވަނީ ލިބިފަ އެވެ. އެކަމަކު ނިއުކާސަލަށް ވުރެ އެއް މެޗު މަދުން ކުޅެފައި އޮތުމުން، ޔުނައިޓެޑަށް ތިން ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ރޭ އާސެނަލުން ގޯލެއް ޖަހަން ކުރި މަސައްކަތް ނާކާމިޔާބު ކުރުމުގައި ނިއުކާސަލްގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ނިކް ޕޯޕް މުހިއްމު ދައުރެއް އަދާކުރި އެވެ. މެޗުގެ ފަހު ވަގުތު އާސެނަލްގެ އެޑީ އެންކެޓިއޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޕޯޕް ވަނީ މަތަކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ނިއުކާސަލް ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ އާސެނަލުން ޕެނަލްޓީއަކަށް އެޕީލްކުރި އެވެ. އެކަމަކު ރެފްރީ ނިންމީ ޕެނަލްޓީ ނުދޭށެވެ.
ޔުނައިޓެޑުން އަމިއްލަ ދަނޑުގައި މޮޅުވި މެޗުގައި ގޯލުތައް ޖަހައިދިނީ ކަސެމީރޯ އާއީ ލޫކް ޝޯގެ އިތުރުން ފޯމުގައި ހުރި މާކަސް ރަޝްފާޑް އެވެ. ފުރަތަމަ ގޯލު 23 ވަނަ މިނެޓުގައި ކަސެމީރޯ ޖެހީ ކްރިސްޓިއަން އެރިކްސަން ނަގައިދިން ހިލޭ ޖެހުމަކުންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ޑޮނީ ވެންޑަ ބީކް އަށް އަނިޔާވުމުން ބަދަލުގައި އަހެންޑްރޯ ގާނާޗޯ ވަނީ ކުޅެން އަރުވައިފަ އެވެ. ދެވަނަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ޝޯ ގޯލު ޖެހީ ގާނާޗޯ ނަގައިދިން ހުރަހަކުންނެވެ. ޔުނައިޓެޑްގެ ތިންވަނަ ގޯލު މެޗުގެ ފަހުކޮޅު ރަޝްފާޑް ޖެހީ ބްރޫނޯ ފެނާންޑޭސްގެ އެހީގަ އެވެ.
މެޗުގައި ބޯންމައުތުން ވެސް ޔުނައިޓެޑްގެ ގޯލަށް އެޓޭކްކުރި އެވެ. އެޓީމުގެ ނުރައްކާތެރި ދެ ހަމަލާއެއް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލެސްޓާ ދަނޑުގައި ފުލަމް ވަނީ 1-0 އިން މޮޅުވެފަ އެވެ. މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަލެކްސަންޑަ މިޓްރޮވިޗް އެވެ. މޮޅާ އެކު ފުލަމް މިހާރު ވަނީ 28 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
އެވަޓަން ދަނޑުގައި ބްރައިޓަން ރޭ ވަނީ 4-1 ގެ ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ. އެވަޓަން ފޯމު ދަށްވެފައިވާއިރު އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑްގެ މަގާމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. މޮޅާ އެކު ބްރައިޓަން އޮތީ 27 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.
ލީގުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ގަދަ ހަތަރަކަށް ވަންނަން މަސައްކަތް ކުރަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާ އިން ކްރިސްޓަލް ޕެލެސްއާ ވާދަކުރާ މެޗެވެ. އެ މެޗު ފަށާނީ މިރޭ ދަންވަރު އެކެއް ޖަހާއިރު އެވެ.