މޯލްޑިވިއަން އައިޑޮލް

މާލޭގެ އޮޑިޝަނުން 18 ލަވަކިޔުންތެރިން: ފެވަރިޓަކީ އަދިވެސް އަލީ ރަމީޒު!

  • މާލޭގެ އޮޑިޝަނުގައި ޖުމްލަ 230 ފަރާތަކުން ވާދަކުރި
  • ރާއްޖޭގެ ފަސް ސަރަހައްދެއްގައި އޮޑިޝަން ކުރިއަށް ދިޔަ
  • ގާތްގަނޑަކަށް 600އެއްހާ މީހުން އޮޑިޝަންތަކުގައި ބައިވެރިވި

މޯލްޑިވިއަން އައިޑޮލްގެ ފޯރި އަދި ކުރިއަށް އޮތީ އެވެ. މާލެ ސިޓީގެ އޮޑިޝަންތައް ނިމުމަކަށް އައިސް ގޯލްޑެން ޓިކެޓާއެކު ތިއޭޓާ ރައުންޑަށް ހޮވުނު ލަވަކިޔުންތެރިންގެ ފެންވަރަށް ބަލާލިޔަސް މި ޝޯއެއްގެ ފޯރި އަދި ކުރިއަށް އޮތީކަން އެނގިގެން ދެ އެވެ.

ކޮންމެއަކަސް ފޯރި ގަދަ އަދި އެހާމެ ވާދަވެރި، ހެއްވާ މަޖާ އަދި ރޮއްވާލި އޮޑިޝަންތަކަކާ އެކު މާލޭގެ އޮޑިޝަންތައް އެ ވަނީ ރޭގެ އެޕިސޯޑާ އެކު ނިމުމަކަށް އައިސްފަ އެވެ. ޖުމްލަ 230 ފަރާތަކުން ވާދަކުރި މި އޮޑިޝަނުން ފުރޭނިގެން ތިއޭޓާ ރައުންޑަށް ޓިކެޓް ލިބުނީ 18 ފަރާތަކަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޕްރިމިއާކުރި މި ޝޯގެ ފުރަތަމަ ރޭގެ އެޕިސޯޑުން 12 ލަވަކިޔުންތެރިޔަކަށް ގޯލްޑެން ޓިކެޓް ލިބުނުއިރު ރޭގެ އޮޑިޝަންތަކުން އެ ޓިކެޓް ލިބުނީ ހަ ފަރާތަކަށެވެ. ފިރިހެން ލަވަކިޔުންތެރިންގެ ފޯރި އާއި ވާދަވެރިކަން މާލޭގައި ގަދަކޮށް އޮތަސް އެ ކުދިންނަށް ދޫނުކުރާ ފެންވަރުގެ އަންހެން ލަވަކިޔުންތެރިންތަކެއް ވެސް "ރަނުގެ ޓިކެޓް" ކާމިޔާބުކޮށްފައިވެ އެވެ.

މީރާ އާއި އަލީ ރަމީޒުގެ ނުފޫޒު ވަރަށް ގަދަ!

ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒަކީ ދިވެހި ލަވައިގެ ދުނިޔޭގައި ރިޕްލޭސްކުރެވެން ނެތް ލެޖެންޑެއް ކަމާއި 2016 ގައި ވެސް އެންމެ ނުފޫޒުގަދަ ދިވެހި ލަވަކިޔުންތެރިޔަކީ އެއީކަން ނިމިގެން ދިޔަ މާލޭގެ އޮޑިޝަނުން ވަނީ ނިކަން ރަނގަޅަށް ސާބިތުކޮށްދީފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ޝޯ އާއި ރޭގެ ޝޯ ބެލި މީހެއް ކަމުގައި ވަނީ ނަމަ އަލީ ރަމީޒުގެ ނުފޫޒު މި އޮޑިޝަންތަކުގެ ބައިވެރިންގެ މެދުގައި އޮތްވަރު ނިކަން ރަނގަޅަށް ވަޒަންކޮށްލެއްވޭނެ އެވެ. ގާތްގަނޑަކަށް ކޮންމެ މީހަކު ވެސް "ރަނުގެ ޓިކެޓަށް" ހިފިއިރު އެންމެ އާންމު ފޯމިއުލާއެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ އަލީ ރަމީޒުގެ ރަންއަޑުން ރިކޯޑްކޮށް މަޝްހޫރުވެފައިވާ ކުރީގެ ދިވެހި ލަވަތަކެވެ.

އަލީ ރަމީޒުގެ މި ވާހަކައަކަށް ފަހު ދެން މި އަންނަނީ މީރާއެއްގެ ވާހަކަ އެވެ. ފަހުގެ ޖީލުގެ ދަރިންގެ ހިތްތައް އަލީ ރަމީޒުގެ ހިތްގައިމު ލަވަތަކަށް ލެންބެވުމުގައި ޒުވާން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މިފަހުން ކުޅެފައިވާ ރޯލު ހަގީގަތުގައި ވަރަށް ވެސް ބޮޑެވެ.

އަލީ ރަމީޒުގެ މަޝްހޫރު "ރޮމޭންޓިކް ލަވަތަކެއް" ޒަމާނަށް ޓިއުނުކޮށްގެން މީރާ މިފަހުން ޖެއްސި "ކަވާ ސޯންގްގެ ކެމްޕޭން" ގެ ރޯގާގައި ދިވެހިންގެ ގިނަ ބަޔަކު ޖެހިފައި ތިބިކަން މާލޭގެ އޮޑިޝަނުން ވަރަށް ރަނގަޅަށް އެނގިގެން ދިޔަ އެވެ.

މީރާ ކަވާކޮށްފައިވާ އަލީ ރަމީޒުގެ މަޝްހޫރު ދެ ލަވައެއްކަމުގައިވާ "އަމާޒަކީ މިހާރު ތިޔަ ލޯތްބޭ" އާއި "ތީއެ މަގޭ" އަކީ މާލޭގެ އޮޑިޝަނުގެ ބައިވެރިންގެ މެދުގައި މަގްބޫލު ދެ ހޮވުމެވެ.

މީގެ އިތުރުން ވެސް އަލީ ރަމީޒުގެ އިތުރު އެހެން ލަވަތަކެއްގެ އަޑު ވެސް އިވިގެން ދިޔަ އެވެ. "ވާތީ މަ ކައިރީގާ" އާއި "ރުހުމުގާ ކާކުހޭ" އަދި "ދުށުން އެދިހުރި އަރާމާ" ފަދަ ކްލެސިކް ލަވަތައް ވެސް ބައެއް ބައިވެރިން ޓްރައިކޮށްފައިވެ އެވެ.

އަލީ ރަމީޒުގެ ލަވަތައް ޓްރައިކުރި ފަރާތްތަކުގެ ނަސީބު ހަގީގަތުގައި ވަރަށް ރަނގަޅުކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެހެންވީމަ ކުރިއަށް ހުރި ޝޯތަކުން ވެސް އަލީ ރަމީޒުގެ ހަނދާން ނިކަން ރަނގަޅަށް އާވެގެންދާނެ ކަމަށް ގަބޫލުކުރަމާ ހިނގާށެވެ.

ޝޯ ދެން ކުރިއަށް ދާނީ ކިހިނެތް؟

މިހާރު އެ ވަނީ އޮޑިޝަންތައް ކުރިއަށް ގެންދިޔަ ފަސް ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދުގެ އޮޑިޝަން ނިމި ތިއޭޓާ ރައުންޑަށް 18 ލަވަކިޔުންތެރިޔަކު ހޮވައިފަ އެވެ. މުޅި ރާއްޖެ އަށް ހުޅުވާލައިގެން މި ޝޯގެ އޮޑިޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ މާލޭގެ އިތުރުން ކުޅުދުއްފުއްޓާއި ޅ. ނައިފަރާއި ގއ. ވިލިނގިއްޔާއި އައްޑޫ ސިޓީގަ އެވެ.

ޕްރޮޑަކްޝަން ޓީމުން ދީފައިވާ އަދަދުތަކަށް ބަލާއިރު ތިއޭޓާ ރައުންޑުން 45 ލަވަކިޔުންތެރިންނަށް ފުރުސަތު ލިބިފައިވެ އެވެ.

މާލޭގެ އޮޑިޝަނަށް ފަހު ބާކީ ހުރި އޮޑިޝަން ޓޭޕްތައް ނިމުމުން ފެށޭނީ ތިއޭޓާ ރައުންޑެވެ. އެއީ ލައިވް މިއުޒިކަށް އަދި ޓްރެކަށް ލަވަކިޔަން ޖެހޭ ސެގްމެންޓެކެވެ.

މި ރައުންޑަށް ފަހު ދެން އަންނާނީ ޕިއާނޯ ރައުންޑް އެވެ. އޭގައި ވާދަވެރިންގެ އަދަދު 16 އަށް ވެއްޓިގެންދާނެ އެވެ.

ޝޯގެ އެންމެ ފޯރިގަދަ ސެގްމެންޓް އަންނަނީ މި ރައުންޑަށް ފަހު އެވެ. އެއީ ގަދަ 12 އެވެ. މިއީ ބައިވެރިން ޝޯގައި ބޭތިއްބުމުގެ ބާރު ޖަޖުންނާ އެކު ބެލުންތެރިންގެ އަތަށް އަރާ ހިސާބެވެ.

މި ހިސާބުން ފެށިގެން ބައިވެރިންނަށް ވޯޓް ދިނުން ހުޅުވާލާއިރު ޝޯ އިން މީހަކު ކަޓުވާލުމަށް ނުވަތަ ބެހެއްޓުމަށް ބޭނުންވާ ވޯޓްގެ 50 ޕަސެންޓާ ކުޅުމުގެ އިހްތިރާޔު ބެލުންތެރިންނަށް ލިބިގެންދެ އެވެ.