ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހްގެ ފުރަތަމަ ފެނިލުން މިރޭ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕޭން ޖަލްސާ މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްޑީޕީގެ މައި ހަރުގޭގައި ބާއްވާ ޖަލްސާ ފަށާނީ މިރޭ 9:00ގަ އެވެ.

އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސޯލިހްގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ސޯލިހްއަށް ތާއީދުކުރައްވާ ވަޒީރުންނާއި މަޖިލިސް މެމްބަރުން މީގެ ކުރިން ވަނީ ކެމްޕޭން ޖަލްސާތައް ބާއްވާފަ އެވެ. ނަމަވެސް މިއީ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަވެފައިވާއިރު ރައީސް ނަޝީދު ވަނީ އުތުރުގެ ތިން އަތޮޅުގެ ނުވަ ރަށެއްގެ އިތުރުން ފުވައްމުލަކު ސިޓީއަށް ވަޑައިގެން ކެމްޕޭން ކުރައްވާފަ އެވެ. އޭގެ އިތުރުން މާލޭގައިވެސް ކެމްޕޭން ހަރަކާތްތައް ހިންގަވައެވެ.

ކެމްޕޭންގައި ރައީސް ނަޝީދު، ރައީސް ސޯލިހް އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންދާއިރު ރައީސް ސޯލިހަށް ތާއީދު ކުރައްވާ ވަޒީރުންނާއި މަޖިލިސް މެމްބަރުން ދަނީ ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުންނެވެ.