ދުނިޔެ

މުބާރަކްގެ ދެ ދަރިކަލުން ޖަލުން މިނިވަން ކުރަން ކޯޓުން އަމުރުކޮށްފި

Jan 23, 2015

ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ، މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ދެ ދަރިކަލުންގެ މައްޗަށް އަލުން ޝަރީއަތް ހިންގުމަށް ކޯޓުން އަމުރުކޮށްފައި ވާތީ އެ ދެ ބޭފުޅުން ޖަލުން މިނިވަން ކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

އަލާއު އާއި ޖަމާލް މިނިވަން ކުރުމަށް ކޯޓުން އަމުރުކުރީ ކޮރަޕްޝަންގެ ކުށް ނޫން އެހެން ކުށެއްގައި އެ ބޭފުޅުންގެ މައްޗަށް ހުކުމެއް ނެތް އިރު، ކޮރަޕްޝަންގެ މައްސަލާގައި އަލުން ޝަރީއަތް ހިންގަން އަމުރުކޮށްފައި ވާތީ ކަމަށް އެ ބޭފުޅުންގެ ވަކީލް ފަރީދް އައް ދީބް ރޮއިޓާސް އަށް ވިދާޅުވެފައިވެ އެވެ.

މުބާރަކްގެ ދޮށީ ދަރިކަލުން ކަމަށްވާ އަލާއު އަކީ ވިޔަފާރިވެރިއެކެވެ. އަދި ޖަމާލް އަކީ މުބާރަކްގެ ޕާޓީގެ އިސް މަގާމެއް ފުރުއްވި ބޭފުޅެކެވެ. އޭނާ އަކީ މުބާރަކްގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލި އިރު މުބާރަކަށް ފަހު ދެން ރިޔާސީ ކެންޑިޑޭޓަކަށް ނެރޭނެ ކަމަށް ބެލެވުނު ބޭފުޅާ އެވެ.

މުބާރަކާ ދެކޮޅު މުޒާހަރާތައް ހޫނުވެ މުބާރަކް އިސްތިއުފާ ދެއްވިތާ ދެ މަސް ފަހުން 2011 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ މި ދެބެއިން ހައްޔަރުކޮށްފަ އެވެ. މުބާރަކް ވެސް ހައްޔަރުކޮށް ހިންގި ޝަރީއަތްތަކަށް ފަހު ވަނީ އޭނާއާ ދެކޮޅަށް 18 ދުވަސް ވަންދެން ކުރި މުޒާހަރާގައި މީހުން މެރުމަށް އަމުރު ކުރި ކަމަށް ސާބިތުވެ އުމުރަށް ޖަލަށް ލައިފަ އެވެ. ނަމަވެސް މުބާރަކްގެ ވެރިކަމަށް ފަހު އަައި ސަރުކާރުގެ މައްޗަށް އަސްކަރިއްޔާ ގަދަވެގަނެ މިހާރު ވަނީ މުބާރަކްގެ މައްޗަށް ވެސް އަލުން ޝަރީއަތް ހިންގުމަށް ކޯޓުން އަމުރުކޮށްފަ އެވެ. އޭނާ ވެސް މިވަގުތަށް ހުންނެވީ ކުށެއް ސާބިތުވެފައި ނެތް ބޭފުޅެއްގެ ގޮތުގަ އެވެ. --އަލްޖަޒީރާ