ބޭރު ކުޅިވަރު

މެސީގެ މޮޅު ކުޅުމާއެކު ބާސެލޯނާ އެއްވަނަ އަށް

ލަޔޮނަލް މެސީގެ މޮޅު ކުޅުމާއެކު ސްޕެނިޝް ލީގުގައި މަލާގާ އަތުން 2-1އިން ބާސެލޯނާ ރޭ ޓޭބަލުގެ އެއްވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

އަނިޔާގެ ސަބަބުން ބްރެޒިލްގެ ނޭމާ ނެތި ކުޅުނު މި މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ދެ ވަނަ މިނިޓްގައި ލުއިސް ސުއަރޭޒް ދިން ޕާހަކުން މުނިއާ އަލް ހައްދާދީ އެވެ.

މަލާގާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 32 ވަނަ މިނިޓްގައި ޖުއަންޕީ ޖެހި ގޯލުންނެވެ. އަދި މެސީ ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޖެހީ 52 ވަނަ މިނިޓްގަ އެވެ.

ޓެކްސްއަށް މަކަރު ހެދުމުގެ ކުށުގައި އެއް އަހަރު ދުވަހުގެ ޖަލަށްލާން ހުކުމްކޮށްފައިވީ ނަމަވެސް ބާސެލޯނާގެ އާޖެންޓީނާ ޑިފެންޑަރު ހާވިއާ މަޝެރާނޯ މި މެޗުގައި ވެސް ކުޅުނެވެ. ބާސެލޯނާ އާއި މަޝެރާނޯގެ ލޯޔަރުން މަސައްކަތް ކުރަމުންދަނީ ޖަލުހުކުމް ޖޫރިމަނާ އަކަށް ބަދަލު ކުރުމަށެވެ.

މި މެޗުން މޮޅުވުމުން ބާސެލޯނާ ވަނީ 20 މެޗުން 48 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ. ދެ ވަނާގައިވަނީ 47 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑެވެ. އަދި ތިން ވަނާގައިވަނީ 43 ޕޮއިންޓާއެކު ރެއާލް މެޑްރިޑެވެ.