ބޮލީވުޑް

ފުރަތަމަ ކުޅޭ ހޮލީވުޑް ފިލްމަށް ދިޕިކާ ތައްޔާރުވަނީ

Jan 24, 2016

ދެހާސް ހަތް ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ދިޕިކާ ޕަދުކޯން ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގެ އެންމެ އުހަށް އަރާފަ އެވެ. ކާމިޔާބު ގިނަ ފިލްމުތަކާއެކު އޭނާގެ ޖާދޫގައި އެތައް ބަޔަކު ޖެހިފައިވާއިރު، މިހާރު ދިޕިކާ އަންނަނީ އޭނާގެ ޖާދޫ މުޅި ދުނިޔެއަށް ދައްކާލަން ތައްޔާރުވަމުންނެވެ.

ދިޕިކާ އަލަށް ކުޅޭ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް"ގެ ޝޫޓިން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާއިރު، އޭނާ މިހާރު އަންނަނީ މިފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑު ބައްޓަން ކުރަމުންނެވެ.

ބޮލީވުޑްގެ ނަން މަޝްހޫރު ބަތަލާއިން ޓްރެއިން ކޮށްފައިވާ ފިޓްނެސް އިންސްޓްރަކްޓާ ޔާސްމީން ކަރާޗީވާލާގެ އިރުޝާދުގެ ދަށުން ދިޕިކާ މިހާރު މިފިލްމުގައި ކުޅޭ ރޯލާއި އެއްގޮތަށް ހަށިގަނޑު ބައްޓަން ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޔާސްމީން ވަނީ ދިޕިކާ ޖިމްގައި ވޯކްއައުޓް ކުރަނިކޮށް ނަގާފައިވާ ވީޑިއޯ އަށް އިންސްޓަގްރާމަށް ލާފަ އެވެ. އަދި ވަނީ ދިޕިކާ، އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމަށް ތައްޔާރުވަމުން އަންނަނީ ކަމަށް ލިޔެފަ އެވެ.

ފުރަތަމަ ކުޅޭ ހޮލީވުޑް ފިލްމާއި ގުޅިގެން މިފަހުން ނޫސްވެރިންނާއި ވާހަކަދައްކަމުން ދިޕިކާ ވަނީ ހޮލީވުޑް ފިލްމުން ފުުސަތެއް ލިބުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ނަމަވެސް މުޅިންއާ ބައެއްގެ ތެރެއަށް ދެވޭތީ ހާސްވާ ކަމަށް ބުނެފަ އެވެ.

މިފލްމުގެ ޝޫޓިން މިހާރު ފެށިގެން ކުރިއަށްދާއިރު، ދިޕިކާ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގަ އެވެ. ވިން ޑީސެލް އާއެކު ދިޕިކާ ފެނިގެންދާ މިފިލްމުން ރޯލެއް އޭނާއަށް ލިބުނީ އޭނާގެ ބެކްގަރްއުންޑްގެ ސަބަބުން ކަމަށާއި އަދި އުންމީދަކީ މިފިލްމުގެ މަސައްކަތްވެސް ވަރަށް ފުރިހަމަވެ، ބެލުންތެރިންގެ ތަރުހީބު ލިބިގެން ދިއުން ކަމަށް ދިޕިކާ ވަނީ ބުނެފަ އެވެ.

ދިޕިކާ އަށް ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވާކަމުގެ ހަބަރު ފެތުރެން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އޭނާ ވިން ޑީސެލް އާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކުރި ހިސާބުންނެވެ.

މިއަހަރު ދިޕިކާ ބޮލީވުޑްގެ އެއްވެސް ފިލްމެއް ކުޅެން އަދި ސޮއިކޮށްފައެއް ނުވެ އެވެ.