ދުނިޔެ

އަލްޝަބާބުގެ ލީޑަރާ ބެހޭ މައުލޫމާތު ދިން މީހަކަށް 10 މިލިއަން ޑޮލަރު

ކެންޔާ އާއި ސޯމާލިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލްޝަބާބް ޔުނިޓްގެ ލީޑަރާ ބެހޭ ގޮތުން ސައްހަ މައުލޫމާތު ހޯދުމަށް އެމެރިކާއިން 10 މިލިއަން ޑޮލަރު ހުށަހަޅައިފި އެވެ.

ޖައިޝް އައިމަން ހިންގުމާ ހަވާލުވެ ހުރި މާލިމް އައިމަންގެ މައްޗަށް އެމެރިކާ ތުހުމަތު ކުރަނީ ކެންޔާގައި ތިބި އެމެރިކާ ސިފައިންނާ ދެކޮޅަށް ދިން ހަމަލާއެއްގައި އޭނާގެ ދައުރެއް އޮތް ކަމަށެވެ.

އަލްޝަބާބް ޖަމާއަތުގެ ގޮފިތަކުން އެމެރިކާ ސިފައިންނަށް ހަމަލާދިނީ ޖެނުއަރީ 5، 2020 ގައެވެ.

މި ހަމަލާގައި އެމެރިކާ ސިފައިންގެ ދެ ޕައިލެޓުންނާއި ސިފައިންނާ އެކު މަސައްކަތްކުރި އެމެރިކާ ސިފައިންގެ އެއާ ކޮންޓްރޯލާ ސްޕެޝަލިސްޓަކު ވަނީ މަރުވެފަ އެވެ. އަދި އިތުރު އެތައް ބަޔަކަށް ކުދިބޮޑު އަނިޔާ އެކި މިންވަރަށް ވަނީ ލިބިފަ އެވެ.

ކެންޔާއަށް ދިން ހަމަލާ އަމާޒުކޮށްފައިވަނީ މަންޑާ ބޭ ފެސިލިޓީ އަށެވެ. މިއީ ކެންޔާ ސިފައިންގެ އަސްކަރީ މަރުކަޒެކެވެ.

މި މަރުކަޒު އެއިރު ބޭނުންކުރީ އިރުމަތީ އެފްރިކާގެ ބައިވެރިންނަށް ތަމްރީނާއި ޓެރަރިޒަމާ ދެކޮޅަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮސް ތިބި އެމެރިކާ ސިފައިންނެވެ.

އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުން ކަނޑައަޅާފައި އޮންނަ ގޮތުން މާލިމް އައިމަން އަކީ 'ސްޕެޝަލީ ޑެޖިގްނޭޓެޑް ގްލޯބަލް ޓެރަރިސްޓް' އެކެވެ.

އަލްޝަބާބަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާ އިން ކަނޑައެޅީ 2008 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

އެފްރިކާ ބައްރުގެ ގައުމުތަކަށް އަމަން ބެލެހެއްޓުމުގެ ނަމުގައި ގޮސް ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކަށް މެދުކެނޑުމެއް ނާދެ އެވެ. ހަނގުރާމަވެރި ގުރޫޕުތަކުން ބުނާ ގޮތުން އެފްރިކާގައި ފައިހަރުކޮށްގެން ތިބި ނަމަ -- އެ ބަޔަކަށް ހަމަލާދޭނެ އެވެ.