ރައީސް މުހައްމަދު ނަޝީދު

ރައީސްގެ ވެރިކަމުން ފެންނަނީ މައުމޫނީ ސިފަތައް: ނަޝީދު

Jan 7, 2023
5

ވެރިންނަށް ސަނާ ކިޔައިގެން ކަންކަން ކުރުމުގެ ސަގާފަތަށް ހިތްވަރު ނުދީ ޑިމޮކްރަސީއަށް އަލުން ރުޖޫއަށްވުމަށް އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ރައީސް މުހައްމަދު ނަޝީދަށް ވޯޓު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި މިއަދު ދ އަތޮޅު މީދޫ އަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރައީސް ސޯލިހްގެ ސަރުކާރު ހިންގަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ސަރުކާރު ހިންގި ގޮތަށް ވެރިންނަށް ސަނާ ކިޔައިގެން ކަންކަން ކުރާ އުސޫލަށް ކަމަށް ތުހުމަތުކުރައްވާފަ އެވެ. އެހެންވެ ވެރިންގެ ތައްޕާހުން ވަޒީފާ ހޯދުމާއި ވެރިންނަށް އާދޭސްކޮށްގެން ކަންކަން ކުރުން ހުއްޓާލަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"މައުމޫނީ ސިފަތައް އަޅުގަނޑުމެންގެ ތެރެއަށް އަނެއްކާވެސް ތައާރަފް ވާން ފަށައިފި. ބައެއް ބޭފުޅުންނަށް ހީވާން ފަށައިފި ވަޒީރު ބޭފުޅެއްގެ ގެއެއްގެ ދޮށުގައި މުގޯލި އަޅައިގެން އޭނާއަށް މަހެއް ގަނެދީގެން އޭނާއަށް ބާޒާރުކޮށްލަދީގެން އޭނާގެ ގޭގެ ފުރާޅުގެ މަތިވަނޑާންގަނޑުވެސް ހަދާލީގެންނޭ ރަށު ތަރައްގީ ހޯދެން އޮތީ. މީނާޒު ދޮށުގައި މަޑުކޮށްލައިގެންނޭ. ނޫން." ރައީސް ސޯލިހް ސަރުކާރު ހިންގާ ގޮތަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ނިކުންނެވީ އެމްޑީޕީން ގެނައި ބަދަލުތަކާއި އުސޫލުތައް ގެއްލިދާތީ އެކަމާ ކަންބޮޑުވެ ބިރުން ކަމަށެވެ. އަދި އެމްޑީޕީގެ ފިކުރު ގަނޑުބަނޑު ވެގެންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ވަކާލަތު ކުރަނީ ރައްޔިތުން ބޭނުންވާ ކަންކަން ބަލައިގެން އެކަންކަން ކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން ވަކިކަމެއް ކުރުމަށް ސަރުކާރުގެ ވެރިޔަކާ ގާތްވާން ނުޖެހޭނެ ކަމަށާއި އެއީ އެމްޑީޕީ ދަންނަ ޑިމޮކްރަސީގެ ނިޒާމެއް ނޫން ކަމަށެވެ.

"މިވެނި ވަޒީރަކާއި ނޫނީ ކުންފުންޏެއްގެ އެމްޑީއަކާ ގާތްވެގެން ވާން އޮތް ކަމެއް ނޫން އެއީ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ސަރުކާރުން ކުންފުންޏަކުން ލިބޭ ވަޒީފާގެ ފުރުސަތަކާ ގުޅިގެން އެކަން އިސްކުރުމަށްފަހު ވޯޓު ނުދިނުމަށްވެސް އެދިވަޑައިގެންފަ އެވެ. އަދި ސަރުކާރު "ސްލޯ" ކަމަށް ވިދާޅުވެ ރައީސް ސޯލިހަށްވެސް ފާޑު ވިދާޅުވި އެވެ.