ކްރިމިނަލް ކޯޓް

ނާޒިމު މިނިވަންވެއްޖެ

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފްވުމުން ގޭބަންދުގައި ހުރެ ގާނޫނީ ވަކީލް ނާޒިމު އަބްދުއްސައްތާރު ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެއްޖެ އެވެ.

ދައުލަތުން ނާޒިމުގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން ނާޒިމުގެ މައްޗަށް ސާބިތުވާ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.

ކްރިމިނަލް ކޯޓުން ނާޒިމަށް ލުއި އަދަބެއް ދިނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި ކުށަށް އިއުތިރާފްވެ ތައުބާވެފައިވާތީ އެވެ. އެގޮތުން އިއްވީ އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ޖަލު ހުކުމު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުމާ ގުޅިގެން ކޯޓުން ނިންމީ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށެވެ.

ނާޒިމަށް ހުކުމްކުރުމުގެ ކުރިން އޭނާ ނެރުނު ބަޔާނެއްގައި ވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފްވެ، އެ ކުށަށް ތައުބާވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ ފަރާތުން މައާފްކޮށްދިނުމަށްވެސް އެދިފަ އެވެ.

އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފްވި ފުލުސް މީހާ، އަބްދުއްރަހްމާން ރަފީއު ވަނީ އެއް އަހަރާއި އެއް މަހާއި 28 ދުވަހަށް ޖަލަށް ލާފަ އެވެ.

މި މައްސަލައިގައި އެމްޑީ އަލަމްގީރަށް ދައުލަތުން ކުރި 40 ދައުވާ ގުޅިގެން އޭނާ ދެ އަހަރާއި އަށް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ.