ދުނިޔެ

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ އެމެރިކާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިި

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ބަނޑުގައި ރިއްސާތީ އެމެރިކާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފި އެވެ.

ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައި އޮތް ބްރެޒިލް ދޫކުރައްވައި އޭނާ އޭމެރިކާއަށް ވަޑައިގަތީ ޑިސެމްބަރު 30، 2021 ގައެވެ.

ބޮލްސޮނާރޯ ދެތިން ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮންނަވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އެއީ މެޑިކަލް އެގްޒަމިނޭޝަނެއް ހަދައި ފަރުވާދޭން ޖެހޭ ވަރުގެ ކަމެއް ބަނޑުގައި ހުރިތޯ ބެލުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޮލްސޮނާރޯގެ ބަޑަށް މި މައްސަލަ އެންމެ ފުރަމަތަ ދިމާވީ 2018 ގައި އޮތް ސިޔާސީ އެއްވުމެއްގެ ތެރޭގައި އޭނާގެ ބަނޑަށް މީހަކު ވަޅިން ހަމަލާދިނުމާ ގުޅިގެންނެވެ. އެއަށް ފަހު މި މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވެ -- އެތައް ފަހަރަކު އެޑްޓްމިކުރަން ޖެހިފައިވާ ކަމަށް އޭނާއާ ގާތް މީހުން ބުނެ އެވެ.

ބޮލްސޮނާރޯ އެޑްމިޓްކޮށްފައި މިވަނީ އޭނާއަށް ތާއީދުކުރާ އެއްތައް ހާސް ބަޔަކު ބްރެޒިލްގެ ސްޕްރީމް ކޯޓަށާއި ގާނޫނު ހަދާ މަޖިލީހަށް އަދި ވެރިރަށް ބްރާޒީލިއާގައި ހުންނަ ރިޔާސީ ގަނޑުވަރަށް ވަދެގަނެ އޮފިޝަލުންނަށް ހަމަލާދީ އަދި ތަކެއްޗަށް ގެއްލުން ދީފައި ވަނިކޮށެވެ.

ބޮލްސޮނާރޯ ވިދާޅުވި ގޮތުގައި ބްރެޒިލްގައި ބަޔަކު ހަމަނުޖެހުންތަކެއް ހިންގި ނަމަވެސް އެއީ އޭނާ ވިދާޅުވެގެން ކުރި ކަމެއް ނޫނެވެ. އެއީ އޭނާއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށްވެސް ބޮލްސޮނާރޯ ވިދާޅުވި އެވެ.

އެހެން ނަމަވެސް. ބްރެޒިލް ހިންގެވުމާ މިހާރު ހަވާލުވެ ވަޑައިގެން ހުންނެވި ރައީސް ލޫލާ ވިދާޅުވަނީ ބޮލްސޮނާރޯގެ ސަޕޯޓަރުން ކުރީ ބަޣާވާތެއް ކަމަށެވެ. އަދި އެއީ ބޮލްސޮނާރޯގެ ސީދާ އެއްބާރުލުން އޮވެގެން ކުރި ކަމެއް ކަމަށެވެ.

ސަރުކާރުގެ އޮފީސްތަކަށް ވަދެ ތަކެއްޗަށާއި ދައުލަތުގެ މުދަލަށް ގެއްލުން ދިން މީހުންނަށް އެކަށީގެންވާ އަދަބު ދެއްވާނެ ކަމަށްވެސް ލޫލާ ވިދާޅުވި އެވެ.

ބޮލްސޮނާރޯ ގައުމު ދޫކުރައްވައި އެމެރިކާއަށް ވަޑައިގަތީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު އެވެ. އޭނާ ވިދާޅުވި ގޮތުގައި ލޫލާއަށް ވެރިކަން ދެއްވުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބު އޮޅުވާލާފަ އެވެ. އެހެން ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުން އޭނާއަށް މާގިނަ ދުވަހު އެމެރިކާގައި ނުހުންނެވޭނެ އެވެ.