ކުޅިވަރު

އާސެނަލުން އޮކްސްފޯޑް ބަލިކޮށްފި، ދެން ނުކުންނާނީ ސިޓީއާ ދެކޮޅަށް

އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ރަށުން ބޭރުގައި އޮކްސްފޯޑް ޔުނައިޓެޑާ ވާދަކުރި މެޗުން އާސެނަލް 3-0 އިން ކުރި ހޯދައިފި އެވެ.

ހަތަރު ބުރު އާސެނަލުން ޔަގީންކުރިއިރު، އެ ބުރުގައި އާސެނަލް ވާދަކުރަން ޖެހޭނީ މެންޗެސްޓާ ސިޓީއާ އެވެ. ސިޓީ ހަތަރު ވަނަ ބުރަށް ދަތުރުކުރީ އަމިއްލަ ދަނޑުގައި ޗެލްސީއާ ވާދަކޮށް 0-4 ގެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލުން ރޭ ނެރުނު ފުރަތަމަ އެގާރަ އަށް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އާއްމުކޮށް އެޓީމުގެ މެދުތެރޭގައި ކުޅޭ ގްރަނިޓް ޒަކާ އާއި މާޓިން އޮޑިގާޑް އަދި ތޯމަސް ޕާޓޭގެ ބަދަލުގައި ރޭ ފުރަތަމަ އެގާރައިގައި ކުޅުނީ މުހައްމަދު އެލްނެނީ އާއި ފަބިއޯ ވިއޭރާ އަދި ސަމްބީ ލޮކޮންގާ އެވެ.

މެޗުގެ ފުރަތަމަ ހާފު އޮކްސްފޯޑުން ވަނީ އާސެނަލް ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ. އާސެނަލުން ތިން ގޯލު ވެސް ޖެހީ ދެވަނަ ހާފުގައި ލިބުނު ފުރުސަތުތަކުގަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު 63 ވަނަ މިނެޓުގައި ޖެހީ ވިއޭރާގެ ޕާހަކުން މިސްރުގެ މިޑްފީލްޑަރު އެލްނެނީ އެވެ. ފަހު ދެ ލަނޑު ޖެހީ ރަނގަޅު ފޯމެއްގައި ހުރި އެޑީ އެންކެޓިއޭ އެވެ. އެންކެޓިއޭ 70 ވަނަ މިނެޓުގައި ޖެހި ގޯލަށް ވެސް އެހީތެރިވެދިނީ ވިއޭރާ އެވެ. އޭގެފަހުން އެންކެޓިއޭ ވަނީ ގެބްރިއެލް މާޓިނެލީގެ އެހީގައި 76 ވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ލަނޑު ޖަހައިފަ އެވެ.

ގެބްރިއަލް ޖީސުސް އަށް އަނިޔާވުމުން އާސެނަލްގައި އެ މަގާމް ފުރަމުން އަންނަނީ އެންކެޓިއޭ އެވެ. ފުރުސަތުގެ ބޭނުންހިފައި އެންމެ ފަހުން ކުޅުނު ހަ މެޗުގައި އެންކެޓިއޭ ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ އެންކެޓިއޭގެ ކުޅުމަށް ތައުރީފްކޮށްފަ އެވެ.

"ވަރަށް މޮޅަށް ނިންމާ ކުޅުންތެރިއެއް. ރަނގަޅު ވަގުތުގައި ބޯޅަ އަށް އަރާ އެބަ. މިރޭ ވެސް އެންކެޓިއޭގެ ފެންވަރު ދައްކައިފި. އަދި ވޯކްރޭޓް އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅުވަމުން. އެންކެޓިއޭއާ މެދު އަހަރެން މިހުރީ ވަރަށް އުފަލުން" މެޗަށް ފަހު އާޓެޓާ ބުންޏެވެ.

ހަތަރު ވަނަ ބުރުގައި ސިޓީއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު އާސެނަލް އާއި ސިޓީ އަކީ މިފަހަރުގެ ލީގަށް އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ދެޓީމެވެ. މި ދެޓީމު އެފްއޭ ކަޕްގައި ވާދަކުރާ މެޗުގެ އިތުރުން ލީގުގައި ވާދަކުރާ ދެ މެޗު ވެސް އަދި އެބައޮތެވެ.

އެފްއޭ ކަޕްގައި ސިޓީ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ނުކުންނަނީ މި މަހުގެ ފަހު ހަފްތާގަ އެވެ. އޭގެފަހުން ލީގުގައި މި ދެޓީމުގެ ފުރަތަމަ މެޗު ފެބްރުއަރީ 15 ވަނަ ދުވަހު ކުޅޭއިރު ދެވަނަ މެޗު ކުޅޭނީ އޭޕްރީލް 26 ވަނަ ދުވަހު އެވެ.