މީރާ

މީރާގެ ފުރަތަމަ ހަފްތާގެ އާމްދަނީއަކީ 143 މިލިއަން ރުފިޔާ

Jan 10, 2023

މިއަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ދައުލަތުގެ ޓެކްސް އިދާރާ -- މީރާއަށް އާމްދަނީގެ ގޮތުގައި 143 މިލިއަން ރުފިޔާ ބަލައިގެންފި އެވެ.

މިއަހަރުގެ ފުރަތަމަ ހަފްތާގެ ތަފާސްހިސާބު މީރާ އިން އާންމުކޮށްފައިވާއިރު ފުރަތަމަ ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލިންނެވެ. އެގޮތުން ލިބުނީ 56.4 މިލިއަން ރުފިޔާ އެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީގެ ގޮތުގަ އެވެ. އެއީ 15.9 މިލިއަން ރުފިޔާ އެވެ. ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެހެނިހެން ޓެކްސްއާއި ފީގެ ގޮތުގައި އެވެ. އެއީ 15.4 މިލިއަން ރުފިޔާ އެވެ.

ފުރަތަމަ ހަފްތާގައި މީރާއަށް ލިބުނު އާމްދަނީ

  • ޓޫރިޒަމް ލޭންޑް ރެންޓް: 56،41،758 ރުފިޔާ
  • ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ: 15،920،615 ރުފިޔާ
  • އެހެނިހެން ޓެކުހާއި ފީތައް: 15،362،136 ރުފިޔާ
  • ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީއެސްޓީ: 13،730،978 ރުފިޔާ
  • ގްރީން ޓެކްސް: 12،845،052 ރުފިޔާ
  • ބިޒްނަސް ޕްރޮފިޓް ޓެކްސް: 12،042،994 ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 8،318،119 ރުފިޔާ
  • އެއާޕޯޓް ސަރވިސް ޗާޖު: 8،161،133 ރުފިޔާ
  • ނޮން ރެޒިޑެންޓް ވިތްހޯލްޑިން ޓެކްސް: 1،110،338 ރުފިޔާ

މީރާ އިން ވަނީ މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ޓީޖީއެސްޓީއާއި ޖީއެސްޓީގެ ރޭޓްތަކަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން ޓީޖީއެސްޓީ އަށް ކުރިން ނަގަމުން ދިޔަ 12 ޕަަސަންޓްގެ ރޭޓް މިހާރު 16 ޕަސަންޓަށް ބޮޑުކޮށްފަ އެވެ. އަދި ޖީއެސްޓީ އަށް ކުރިން ނަގަމުން ދިޔަ ހަ ޕަސަންޓްގެ ރޭޓް މިހާރު ވަނީ އަށް ޕަސަންޓަށް ބޮޑުކޮށްފަ އެވެ.

ޓީޖީއެސްޓީއާއި ޖީއެސްޓީގެ ރޭޓް ބޮޑުކުރުމުން އެ އަދަދުގެ ގޮތުގައި މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ތިން ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު ފާސްކުރީ 42.8 ބިލިއަންގެ ރުފިޔާގެ ބޮޑު ބަޖެޓެކެވެ. މި އަހަރު ލިބޭނެ ކަމަށް ލަފާކުރާ 32.1 ބިލިއަން ރުފިޔާގެ އާމްދަނީގެ 73.3 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 7.7 ޕަސެންޓެވެ. އެހެންކަމުން އަންނަ އަހަރު ހިލޭ އެހީއާ ނުލައި އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 29.9 ބިލިޔަން ރުފިޔާ އެވެ.