ނީލަން ފިހާރަ ސަރަހައްދުގައި ރޯވުން

ދުމުގެ އަސަރުކޮށްގެން ބަންދުކުރި ސުކޫލުތައް ހުޅުވައިފި

މާލޭގައި ހިންގާ ނީލަން ފިހާރަ ރޯވެ، އަނދާހުލިވި އިރު އެރި ދުމުގެ އަސަރުކޮށްގެން އިއްޔެ ބަންދުކުރި ބައެއް ސުކޫލުތައް އާންމު ހާލަތަކަށް ގެނެސް މިއަދު ކިޔަވައިދޭން ފަށައިފި އެެވެ.

އިއްޔެ ހެނދުނު ނީލަން ފިހާރައިގައި ރޯވި އަލިފާން ފެތުރި އެ ސަރަހައްދުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ވަނީ އަނދާ ހުލިވެފަ އެވެ.

އަލިފާން ރޯވި ތަނުން ވަރަށް ބޮޑަށް ދުންއެރުމުގެ އެ ސަރަހައްދާއި ގާތް ހިސާބުތަކުގައި ހުރި ބައެއް ސުކޫލުތަކު ކިޔެވުން މެދުކަނޑާލި އެވެ.

ނީލަން ފިހާރައާއި އިންވެގެން ހުންނަ އިމާދުއްދީން ސުކޫލަށް ދުމުގެ އަސަރު އިއްޔެ ވަަރަށް ބޮޑަށް ކޮށްފައިވާ ކަމުގައި އެސުކޫލުން ބުންޏެވެ.

އިމާދުއްދީނުގެ ޑެޕިއުޓީ ޕްރިންސިޕަލް ޒުހުދުލް ހައްގު އަވަސް އަށް އިއްޔެ ވިދާޅުވީ ސްކޫލް ބަންދުކުރަން ޖެހުނު ނަމަވެސް މިއަދު ހުރިހާ ކަމެއްވެސް ރަނގަޅު ކަމުގަ އެވެ.

"އިއްޔެ ފުލުހުން ވިދާޅުވީ ސުކޫލުގައި މަޑުކުރުން ރައްކާތެރި ނޫން ކަމަށް. އެހެންވެ އިއްޔެ ކިޔެވުން ބަންދުކުރީ. މިއަދު ނެއް ދުމުގެ އެއްވެސް އަސަރެއް، ހުރިހާ ކަމެއްވެސް ވަރަށް ސްމޫތްކޮށްދަނީ،" ޒުހުދުލް ވިދާޅުވި އެވެ.

މި އަލިފާނުގެ ހާދިސާގައި އަނދާ ހުލިވި އެކޮމޮޑޭޝަންގައި ތިބި މުވައްޒަފުން، ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖެހެންދެން ފުރަތަމަ ތިބީވެސް އިމާދުއްދީން ސްކޫލުގެ ކޮމްޕައުންޑުގަ އެވެ. އެހެންނަމަވެސް އޭގެ ސަބަބަުން ސްކޫލަށް އެއްވެސް ދައްޗެެއް ކުރިމަތިވެފައި ނުވާ ކަމަށްވެސް އިމާދުއްދީން ސްކޫލުން ބުންޏެވެ.

އިމާދުއްދީންގެ އިތުރުން އިއްޔެ ކިޔެވުން މެދުކަނޑާލި އިއްޒުއްދީން ސްކޫލުގައިވެސް މިއަދު ވަނީ ކިޔަވައިދޭން ފަށާފަ އެވެ.