ދުނިޔެ

ބްރެޒިލްގެ އިލެކްޝަން ނިމިއްޖެކަން ނޭނގޭ ބަޔަކު އަދިވެސް އެބަ އުޅޭ: ލޫލާ

ބްރެޒިލްގައި މިދާކަށް ދުވަހު އޮތް އާންމު އިންތިހާބު ނިމިއްޖެކަން ނޭނގޭ މަދު ބަޔަކު އަދިވެސް އެބަ އުޅޭ ކަމަށް އެ ގައުމުގެ ރައީސް ލޫލާ ދަ ސިލްވާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވި ސަބަބަކީ އިންތިހާބުގެ ނަތީޖާ ބަދަލުވެދާނެ ކަމަށް ނުވަތަ އިންތިހާބު ބޭއްވުމުގައި އިލެކްޝަން ކޮމިޝަނަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ބުނެ އަލުން އިންތިހާބު ބާއްވަން ޖެހިދާނެ ކަމަށް އިދިކޮޅުން ގަބޫލުކުރާތީ އެވެ.

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ވިދާޅުވި ގޮތުގައި އިންތިހާބު ހިނގައި ދިޔައީ ސައްހަކޮށެއް ނޫނެވެ. އިލެކްޝަން ކޮމިޝަނަށް ފިއްތުތަކެއް ނެތް ނަމަ އިންތިހާބުގައި އޭނާ ނޫން އެހެން މީހަކު ނުހޮވޭނެ އެވެ.

ބޮލްސޮނާރޯއަށް ދާއީދުކުރާ އެތައް ހާސް ބަޔަކު -- ރިޔާސީ ގަނޑުވަރާއި ސްޕްރީމް ކޯޓް ހިމެނޭ ގޮތުން ސަރުކާރުގެ މުހިިންމު އިމާރާތްތަކަކަށް ވަދެ ހަމަނުޖެހުން ހިންގުމާ ގުޅިގެން -- ބްރެޒިލްގެ އާންމު ހާލަތު އޮތީ ވަރަށް ސީރިއަސްވެފަ އެވެ.

ލޫލާ ވިދާޅުވި ގޮތުގައި ބޮލްސޮނާރޯ އަޑީގައި ހުންނަވައިގެން މަސައްކަތް ކުރެއްވީ ބަޣާވާތަކަށް ސަރުކާރު ވައްޓާލުމަށެވެ. އޭނާ އަދި ވިދާޅުވީ ހަމަނުޖެހުން ތަކުގައި ބައިވެރިވި މީހުން ވަކިވަކިން ދިރާސާ ކުރެއްވުމަށް ފަހު އެކަށީގެންވާ އަދަބު ދެއްވާނެ ކަމަށެވެ.

އެމެރިކާގައި މިހާރު ހުންނެވި ބޮލްސޮނާރޯ ވިދާޅުވީ ބްރެޒިލްގައި ހަމަނުޖެހުން އުފެދުމަކީ ތަބީއީ ގޮތުން ހިނގައިދިޔަ ކަމެއް ކަމަށެވެ. އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބޮލްސޮނާރޯ ވިދާޅުވި ގޮތުގައި ސާފު ޑިމޮކްރަސީއެއްގައި ހަމަނުޖެހުން އޮންނާނެ އެވެ. ރައްޔިތުން އުތުރުއަރައި ސަރުކާރަށް ފާޑުކިޔާނެ އެވެ. އަދި މަގުތައް ބަންދުކޮށް ތަންތަނުގައި ހުޅުވެސް ޖަހާނެ އެވެ.

އޭނާ ވިދާޅުވީ އެވަރުގެ ކެތްތެރިކަން ނެތް ބޭފުޅަކު ވެރި ކަމަށް ވަޑައިގަތުމަކީ މޮޔަ ކަމެއް ކަމަށެވެ. އަދި މީހަކު ކުރާހާ ކަމެއް އިދިކޮޅުގެ ބޮލުގައި އެޅުވުމަކީ މައްސަލަތައް އޮއްބާލަށް އޮންނަ އެންމެ ކުރު މަގު ކަމަށެވެ.