ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބީއެމްއެލްގައި ފައިސާ ބެލެހެއްޓުން ވަރުގަދަކުރަން ރައީސް އެދިވަޑައިގެންފި

Jan 12, 2023
2

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ރައްކާކުރާ ފައިސާ ބެލެހެއްޓުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެެ.

ރައީސް ސޯލިހް މިކަމަށް އެދިވަޑައިގަތީ ބީއެމްއެލް އަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބޭންކްގައި ފައިސާ ރައްކާކުރަނީ އިތުބާރުކޮށްފައި ކަމަށްވާތީ އެއީ ބޭންކުން އަމާނާތްތެރިކަމާ އެކު ބަލަހައްޓައިދޭންޖެހޭނެ ފައިސާ ކަމަށެވެ.

"މި އަމާނާތަށް ރައްކާތެރިވެ ބެލެހެއްޓުމަށް ހަރުދަނާ އިތުރު އިންތިޒާމްތަކެއް ހަމަޖައްސަވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ރައީސް ވިދާޅުވި އެވެ.

ބީއެމްއެލްގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށް ވުރެ ލުއި ފަސޭހަ ގޮތަކަށް ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް ރައީސް މިރޭ އެދިވަޑައިގެންނެވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ދިރުމެއް އަދި ތަރައްގީގެ މަގުގައި މިދިޔަ 40 އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ބީއެމްއެލް އިން ގެނެސްދީފައިވާ ކަމަށެވެ. މިގޮތުން މަސްވެރިކަމާއި، ފަތުރުވެރިކަން ކުރިއަރާ ދިއުމާއި އުމުރާނީ ތަރައްގީ ރާއްޖެއަށް ގެނައުމުގައި ބީއެމްއެލް މުހިއްމު ދައުރެއް އަދާކުރެއްވި ކަމުގައިވެސް ވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންނަށް ފަހިކޮށްދޭ މާލީ އެކިއެކި ފުރުސަތުތަކުގައި ވެސް ބޭންކުން އަދާކުރާ ދައުރާއި އަދި އިޖުތިމާއީ ޒިންމާގެ ދަށުން، ބޭންކުން ކޮށްފައިވާ މަސައްކަތްތަކަކީ ފާހަގަކުރެވޭ ކަންތައްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ ހިލޭ އެހީގެ ސްކީމްތަކާއި ލޯނު ސްކީމްތައް ހިންގައި ބަލަހައްޓައިދެނީ ބޭންކް އޮފް މޯލްޑިވްސްގެ މަސައްކަތުން ކަމުގައިވެސް ވިދާޅުވި އެވެ.

ބޭންކު އޮފް މޯލްޑިވްސް އުފެއްދީ ބަނގްލަދޭޝް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާ އެކު އެވެެ. އެހެންވެ ރައީސް ސޯލިހްގެ ވާހަކަފުޅުގައި ވަނީ ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ފިނޭންސް އެންޑް އިންވެސްޓްމަންޓް ކޮމްޕެނީއަށާއި ބަންގްލަދޭޝްގެ ސަރުކާރު ވެސް އަދާކުރައްވާފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް ހުޅުވުނީ ނޮވެމްބަރު 11، 1982 ގައެވެ.