ކުޅިވަރު

ފުލަމް އަތުން ބަލިވެ ޗެލްސީ އިތުރަށް ވެއްޓިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން ރަށުން ބޭރުގައި 1-2 އިން ބަލިވެ މަޝްހޫރު ޗެލްސީ ހާލަތު އިތުރަށް ގޯސްވެއްޖެ އެވެ.

މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނާތީ ޗެލްސީ އިން ވަނީ އެޓީމުގެ ކޯޗުކަމުން ތޯމަސް ޓުކެލް ސެޕްޓެމްބަރު މަހު ވަކިކޮށްފަ އެވެ. އޭގެފަހުން އެޓީމުގެ ކޯޗުކަމާ ހަވާލުވީ ބްރައިޓަންގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި ގްރަހަމް ޕޮޓާ އެވެ. އެކަމަކު ޕޮޓާގެ ކޯޗުކަމުގައި ޗެލްސީ ފެންނަނީ މާ ދަށްކޮށެވެ. އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ޗެލްސީ އަށް މޮޅެއް ލިބުނީ އެންމެ ދެ މެޗުގަ އެވެ.

ރޭގެ މެޗު ޗެލްސީ އިން ފެށީ އެތުލެޓިކޯ މެޑްރިޑްގެ ލޯނު އުސޫލުން ސީޒަން ނިމެންދެން ޗެލްސީ އަށް ގެނައި ޔާއޯ ފީލިކްސް ހިމަނައިގެންނެވެ. އެކަމަކު ފުލަމްގެ ކެނީ ޓެޓޭ އަށް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ވަނީ 58 ވަނަ މިނެޓުގައި ފީލިކްސް އަށް ރަތް ކާޑު ދައްކާފަ އެވެ. ފީލިކްސް ވެފައިވަނީ އާ ކްލަބުގައި ކުޅުނު ޕްރިމިއާ ލީގު ފުރަތަމަ މެޗުގައި ރަތް ކާޑު ހޯދި 22 ވަނަ ކުޅުންތެރިޔާ އަށެވެ. ރަތް ކާޑު ދެއްކުމާ ހަމަ އަށް ފީލިކްސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު 25 ވަނަ މިނެޓުގައި ޖެހީ ޗެލްސީ އަށް ކުރިން ކުޅުނު ވިލިއަން އެވެ. ޗެލްސީ އިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ދެވަނަ މިނެޓުގަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކަލިދޫ ކުލިބަލީ އެވެ. ފުލަމް މޮޅުވި ގޯލު 73 ވަނަ މިނެޓުގައި ޖެހީ ކާލޮސް ވިނީޝިއަސް އެވެ.

ރޭގެ މެޗުގައި ޗެލްސީގެ މިޑްފީލްޑަރު ޑެނިސް ޒަކަރިއާ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ. ޒަކަރިއާގެ އަނިޔާއާ އެކު ޗެލްސީގެ ފުރަތަމަ ޓީމުގައި އަނިޔާގައި ތިބި ކުޅުންތެރިންގެ އަދަދު ވަނީ 10 އަށް އަރާފަ އެވެ.

ލީގުގައި ކުޅުނު 18 މެޗުން ލިބުނު 25 ޕޮއިންޓާ އެކު ޗެލްސީ އޮތީ ތާވަލުގެ 10 ވަނައިގަ އެވެ. ޗެލްސީއާ ގަދަ ހަތަރަކާ ދެމެދު ބޮޑު ފަރަގެއް އޮތުމާ އެކު މި ސީޒަނުގައި އެޓީމަށް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

ޗެލްސީ ބަލިކޮށް ފުލަމް ވަނީ ލީގުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމުން ވަނީ 19 މެޗުން 31 ޕޮއިންޓް ހޯދާފަ އެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ފުލަމްއާ ދެމެދު މިހާރު އޮތީ ހަތަރު ޕޮއިންޓެވެ.