މޯލްޑިވްސް ޕޮލިސް ސާވިސް

އައްބާސް ބަންދުން ދޫކޮށްލައިފި

Jan 13, 2023

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި ހައްޔަރުކުރި އައްބާސް އާދިލް ރިޒާ ދޫކޮށްލައިފި އެވެ.

އައްބާސް މިދިޔަ މަހުގެ 25 ވަނަ ދުވަހު ހައްޔަރު ކުރީ އޭނާގެ ގޮވާލުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ.

އައްބާސްގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ފަސް ދުވަސް ދިނީ އޭނާ ހައްޔަރުކުރި ދުވަހު އެވެ. އައްބާސްގެ ބަންދަށް ދިން ފަސް ދުވަހުގެ މުއްދަތު ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ދީފަ އެވެ.

އައްބާސްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތިންވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ހަތް ދުވަސް ދިނީ މިމަހުގެ ހަވަނަ ދުވަހު އެވެ.

އައްބާސް އާދިލް ރިޒާއަކީ ރައީސް ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެ ކަމުގެ މަގާމާއި ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައި ބޭފުޅެކެވެ.

އައްބާސްގެ ގޮވާލުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީ އަކުން އަދި އެމްއެންޕީ އިން ވެސް ވަނީ ކުށްވެރިކޮށްފަ އެެވެ.