އިމިގްރޭޝަން

ދިވެހި އާ ޕާސްޕޯޓް: އާންމުންނަށް ރަތް ކުލައިގެ ޕާސްޕޯޓެއް!

Jan 25, 2016
  • އާ ޕާސްޕޯޓްގައި 34 ސަލާމަތީ ކަމެއް ހިމަނާފައިވޭ
  • އިމަޖެންސީ ޕާސްޕޯޓެއް ތައާރަފް ކުރި
  • ޕާސްޕޯޓް ތައްޔާރު ކުރީ ޖަރުމަން ކުންފުންޏަކުން

ގިނަ ބަދަލުތަކަކާ އެކު މިރޭ ތައާރަފް ކުރި އާ ދިވެހި ޕާސްޕޯޓްގައި އާންމުންނަށް ދޫކުރާ ޕާސްޕޯޓް ހުންނާނީ ރަތް ކުލައިގައި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ. މީގެ ކުރިން ރަތް ޕާސްޕޯޓް ދޫކުރަނީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާ ފަރާތްތަކަށެވެ.

އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނީ، އާ ޕާސްޕޯޓް ސީރީޒްގައި ދައުލަތުގެ އިސްވެރިންނަށް ދޫކުރަން ހަމަޖައްސާފައި ޑިޕްލޮމެޓިކް ޕާސްޕޯޓެއްގެ ގޮތުން ކަޅު ކުލައިގައި ހުންނަ ޕާސްޕޯޓެއް ކަމަށެވެ. އަދި އޮފިޝަލް ޕާސްޕޯޓްގެ ގޮތުގައި ދޫކުރާނީ މަޑު ނޫކުލައިގައި ހުންނަ ޕާސްޕޯޓެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މީގެ ކުރިން އޮފިޝަލް ޕާސްޕޯޓް ހުންނަނީ މަޑު ފެހިކުލައިގަ އެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި އިމަޖެންސީ ޕާސްޕޯޓްގެ ގޮތުގައި މުޅިން އަލަށް އަޅި ކުލައިގައި ޕާސްޕޯޓެއް ވަނީ ތައާރަފްކޮށްފަ އެވެ. 

އިމިގްރޭޝަނުން އަލަށް ތަޢަރަފު ކުރި ޕާސްޕޯޓުގައި ތަފާތު 34 ވައްތަރެއްގެ ސެކިއުރިޓީ ސިފަތައް ޕަސްޕޯޓުގެ އެކި ސަފުޙާ ތަކުގައި ހިމަނާފައިވެ އެވެ. ޕާސްޕޯޓުގެ ޑާޓާ ޕޭޖު ތައްޔާރު ކޮށްފައިވަނީ ސަލާމަތީގޮތުން ވަރުގަދަ ކުރުމަށް ޕޮލިކާބަން ބޭނުންކޮށްގެނެވެ. ޕޮލިކާބަން އަކީ، ޕާސްޕޯޓާ، އައިޑެންޓިޓީ ކާޑު އަދި ލައިސަންސް ފަދަ އައިޑެންޓީ ޑޮކިއުމަންޓު ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ބޭނުންކުރާ ބާވަތެއްގެ މެޓީރިއަލެކެވެ.

"މި ރޭ ތަޢާާރަފު ކުރެވުނު ޕާސްޕޯޓަކީ، މި ވަގުތު ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ބޭނުންކުރާ ޕާސްޕޯޓު ތަކުގެ ތެރެއިން ސެކިއުރިޓީ ގޮތުން އެންމެ ވަރުގަދަ ޕާސްޕޯޓު ތަކުގެ ތެރޭގައި ހިމެނޭނެ،" ކޮންޓްރޯލާ އޮފް އިމިގްރޭޝަން ވިދާޅުވި އެވެ.

ދިވެހި އާ ޕާސްޕޯޓު ފަރުމާކޮށްފައި ވަނީ ރާއްޖޭގެ މާހައުލާ، ޝަޤާފަތާ އަދި ދިވެހި އާދަކާދަތައް ދައްކުވާދޭ މަންޒަރުތަކާ ކުލަތައް ބޭނުންކޮށްގެންނެވެ. އިމިގްރޭޝަނުން ހުށަހެޅި ކޮންސެޕްޓަށް، ޕާސްޕޯޓުގައިވާ ކުރެހުންތަކުގެ އަސްލު ކުރައްސަވާ ދެއްވާފައިވަނީ ޙުސައިން ޢަލިމަނިކެވެ.

މި ޕާސްޕޯޓާއެކު އިބުރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ފަރާތްތަކަށް، މުޅިން އަލަށް ބެހެއްޓި އޮޓޭ-ގޭޓުގެ ބޭނުންކޮށްގެން އަމިއްލައަށް އިމިގްރޭޝަން ކުލިއަރަންސް ހޯދޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އަލަށް ތަޢާރަފުކުރި ޕާސްޕޯޓާ ޕްރިންޓު ކޮށްފައިވަނީ ޖަރުމަނު ވިލާތުގެ ކުންފުންޏެއް ކަމުގައިވާ ޑާމަލޯގު އައިޑެންޓިޓީ ސޮލިއުޝަންސް ސިސްޓަމްސް އިންނެވެ. އޮޓޯ-ގޭޓު ވެސް ބަހައްޓާފައިވަނީ އެ ކުންފުނިންނެވެ.

ޑާމަލޯގު ކުންފުންޏަކީ، ބަޔޮ-މެޓުރިކުގެ ދާއިރާއިން ދުނިޔޭގެ އެއްވަނަ ކުންފުންޏެވެ. އަދި އެކުންފުނިންވަނީ ދުނިޔޭގެ 75 ގައުމެއްގައި 140 އަށްވުރެ ގިނަ ލާރޖު ސްކޭލު ސެކިއުރިޓީ އިންސްޓޮލޭޝަންގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އެ ކުންފުންޏަށް ލިބިފައިވާ ކުރިއެރުމުގެ ތެރޭގައި 24 އެވޯރޑު ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ.