މީރާ

ޖީއެސްޓީ ރޭޓް ބަދަލުވުމާ ގުޅިގެން "ކޮބާ ރަސީދު" ކެމްޕޭން ފަށައިފި

Jan 14, 2023
1

ޖީއެސްޓީގެ ނަގަމުންދާ ރޭޓަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އައިސްފައިވާ ބަދަލާ ގުޅިގެން "ކޮބާ ރަސީދު"ގެ ނަމުގައި ހޭލުންތެރިކުރުމުގެ ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދަނީ ވިޔަފާރިތަކުން ރަސީދު ތައްޔާރުކުރަމުން ގެންދަނީ ރަނގަޅަށްތޯ ބެލުމަށާއި ވިޔަފާރިތަކުން ރަސީދު ދޫކުރުމަށް ބާރު އެޅުމަށާއި އަދި ވިޔަފާރިކުރާ ފަރާތްތަކުން ރަސީދު ހޯދުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

މި ކެމްޕޭންގައި ފައިސާގެ އިނާމު ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ. އެގޮތުން މި ކެމްޕޭންގައި ބައިވެރިވެގެން ޖުމުލަ 36,000 ރުފިޔާގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ.

މީރާގެ މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން މިއަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީރާ އިން ބުނީ މާދަމާ އިން ފެށިގެން މުދާ ވިއްކާ ފިހާރަތަކުންނާއި ހިދުމަތް ދޭ ތަންތަނުން ދޫކުރާ ރަސީދުތައް ހޯދައި، ކެމްޕޭންގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ފޯނު ނަމްބަރު އެ ރަސީދުގައި ލިޔުމަށްފަހު އޭގެ ފޮޓޯއެއް މީރާގެ ވައިބާ ނަންބަރު 7291415 އަށް ފޮނުވުމުން ކެމްޕޭންގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ކެމްޕޭން ކުރިއަށް ގެންދާ ކޮންމެ މަހަކު، އެ މަހެއްގެ ތެރޭގައި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި މިއަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނަ ތަންތަނުން އެންމެ ގިނަ އަދަދަކަށް ރަސީދު ހުށަހަޅަފައިވާ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް މީރާ އިން ވަނީ ނިންމާފަ އެވެ.

މީރާ އިން ބުނީ މި ކެމްޕޭނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ބޭނުންވާނަމަ ރަސްމީ ގަޑީގައި މީރާއަށް ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށެވެ.