މެލޭޝިޔާ

މެލޭޝިޔާގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރަކަށް ޑރ. މުނީޒާ

Jan 14, 2023
4

މެލޭޝިއާގެ ޔުނިވާސިޓީ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައިއެންސީއީއައިއެފް)ގެ ޕްރޮފެސަރަކަށް ޑރ. އައިޝަތު މުނީޒާ އައްޔަންކޮށްފި އެވެ.

ޑރ. މުނީޒާ ވަނީ އެ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފަ އެވެ. ޔުނިވާސިޓީގެ ޕްރޮފެސަރެއްގެ މަގާމަށް ޑރ. މުނިޒާ އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

މިއީ މެލޭޝިއާގެ ޕްރޮފެސަރަކަށް ދިވެއްސަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

ޑރ. މުނީޒާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ޔުނިވާސިޓީން ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވާފަ އެވެ.

ސަރުކާރުގެ ބައެއް މަގާމުތައް ޑރ. މުނިޒާ އަދާކުރެއްވި އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ ނައިބުކަން ހިމެނެ އެވެ.

ޑރ. މުނީޒާ ވަނީ ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓްގެ ގާނޫނީ އޮނިގަނޑު އެކުލަވާލައްވާ ރާއްޖޭގައި ސުކޫކް މާކެޓެއް ގާއިމްވެ ކުރުމުގެ އަމަލީ މަސައްކަތް ކުރައްވާފައިވާފަ އެވެ. އަދި ރާއްޖެ އަށް ހާއްސަ ޝަރީއާ ސްކްރީނިންގް މެތޮޑޮލޮޖީއެއް އެކުލަވާލާ ދިވެހި ގާނޫނީ އަދި މާލީ އޮނިގަނޑަށް ފެތޭ ސުލޫކް އޮނިގަނޑެއް އެކަމަނާ ފަރުމާ ކޮށްދެއްވި އެވެ.

ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން އިސްލާމިކް ފައިނޭންސްގެ މަސައްކަތްތައް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މުނީޒާ ވަނީ އެޗްޑީއެފްސީ އަމްނާ، އަޔާދީ ތަކާފުލް އަދި އެލިއާ އެޗްޑީސީ ފަދަ ކުންފުނިތަކުން ދޫކުރާ އިސްލާމީ މާލީ ޕްރޮޑަކްޓުތައް ފަރުމާ ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ. އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އުފެއްދުމަށްޓަކާ އެކުލަވާލި ފުރަތަމަ ސްޓެރެޓިޖިކް ޕްލޭންގެ ދެލި ކޮޕީ އެކަމަނާ އެކުލަވާ ލައްވާފައިވާއިރު، އިސްލާމިކް ފައިނޭންސް އާއި ގުޅޭ ގޮތުން ދުނިޔޭގެ އެތައް ގައުމެއްގައި ތަގުރީރު ކުރައްވާ ސަތޭކަ އެތައް ލިޔުމެއް މުނީޒާ ވަނީ ޝާއިއު ކުރައްވާފަ އެވެ.