ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ ފެޑެރޭޝަން (ސާބާ) ގެ ރައީސް އަކަށް ރާއްޖޭގެ އަހުމަދު އާދަމް (އެޑަމް) އިއްޔެ އިންތިހާބުކޮށްފި އެވެ.
އެޑަމް އަކީ ރާއްޖޭގެ ބާސްކެޓްވޯޅަ އެސޯސިއޭޝަންގެ ވެސް ރައީސް އެވެ. މީގެ އިތުރުން އެޑަމް އަންނަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.
އެޑަމް ސަރަހައްދީ އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިހާބުކުރީ އިއްޔެ އިންޑިއާގައި ކުރިއަށްދިޔަ ސާބާ ކޮންގްރެސްގަ އެވެ. ކޮންގްރެސްގައި އެޑަމްގެ ނަން ރައީސްކަމަށް ހުށަހެޅީ ބަންގްލަދޭޝް އިންނެވެ. ވޯޓުގައި ބައިވެރިވީ ރާއްޖެ އާއި އިންޑިއާގެ އިތުރުން، ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ނޭޕާލް އެވެ.
އެޑަމްއާ އެކު ޖެނެރަލް ސެކްރެޓަރީ އަކަށް ހޮވުނީ އިންޑިއާގެ ޗަންދްރަމުކީ ޝަރުމާ އެވެ. އިންތިހާބުވަޑައިގެންނެވި ބޭފުޅުންގެ ދައުރަކީ ހަތަރު އަހަރެވެ.
މިއަހަރު ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ކުރިއަށް ގެންދިއުމަށް ސާބާ އިން ވަނީ ރާވާފަ އެވެ.
ސާބާގެ ރައީސްކަމަށް ރާއްޖޭގެ ބޭފުޅަކު އައްޔަންވުމާއެކު ރާއްޖޭގެ ބާސްކެޓްބޯޅަ އަށް ވެސް ކުރިއެރުންތަކެއް ލިބޭނެ އެވެ. ހާއްސަކޮށް ބައިނަލްއަގްވާމީ ފުރުސަތުތައް ހޯދުމުގައި ރާއްޖެ އަށް ދެން ފަސޭހަވެގެންދާނެ އެވެ.
އެޑަމް ރާއްޖޭގެ ބާސްކެޓްބޯޅައިގެ ރައީސްކަމާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭގެފަހުން އެޑަމްގެ ރައީސްކަމުގައި ކުރިމަތިލާން ޖެހުނީ ކޮވިޑްގެ ދުވަސްވަރާ އެވެ. އެކަމަކު އެޑަމް ވަނީ އެދުވަސްވަރު ވެސް ބާސްކެޓްބޯޅަ އެސޯސިއޭޝަން ހިންގެވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.