ރާއްޖެ ކުޅިވަރު

ވިކްޓަރީގެ ޗެއާމަންކަން ދާންދޫ ދާއިރާގެ މެމްބަރަށް

ވިކްޓަރީގެ ޗެއާމަންގެ މަގާމު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދަށް ދޭން ނިންމައިފި އެވެ.

އެކުލަބުގެ އާ ބޯޑު އިންތިހާބު ކުރަން މިރޭ ބާއްވާ އިންތިހާބުގައި ރައީސް ކަމުގެ މަގާމަށް ވާދަކުރައްވަނީ ވެސް އަސްއަދު އެކަންޏެވެ. އޭނާ އަކީ ބައިބަލާ އެސޯސިއޭޝަނުގެ ރައީސް ވެސްމެ އެވެ.

ވިކްޓަރީގެ ހިންގުން ވަރުގަދަކޮށް، ކުލަބުގެ އަނެއްކާ ވެސް ކާމިޔާބު ހޯދާ ޓީމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އާ ބޯޑު އިންތިހާބު ކުރާއިރު އެންމެ ފަހުން ހުރި ޗެއާމަން އަބުދުލް މުހުސިން ހަމީދު (ޖޭފޯ) ކުރިމަތިލައްވާފައިވަނީ ނާއިބް ރައީސްގެ މަގާމަށެވެ. އޭނާއާއެކު ޕްރިސް އަހުމަދު ނަސީމު ވެސް ނާއިބް ރައީސް ކަމަށް ވާދަކުރައްވަ އެވެ.

ވިކްޓަރީ އަކީ ރާއްޖޭގެ އެންމެ އެންމެ ކާމިޔާބު ކުލަބެވެ. ނަމަވެސް ފުޓްބޯޅައިގައި ފަހަކަށް އައިސް ވިކްޓަރީގެ ވިދުން ފަނޑުވެ، ވާދަވެރި ނިއުރޭޑިއަންޓް ވަނީ ކުރި ހޯދާފަ އެވެ. މިދިޔަ ހަތަރު އަހަރަށް ބަލާއިރު ވިކްޓަރީ އެންމެ ފަހުން ތައްޓެއް ހޯދީ 2011 ވަނަ އަހަރު އެވެ. އެކަމަކު ނިއު ވަނީ މި މުއްދަތުގައި ދިވެހި ޖެހިޖެހިގެން ތިން ފަހަރު އަދ ގައުމީ ތަށި ވެސް މިލްކުކޮށްފަ އެވެ.

ރާއްޖޭގައި މިދިޔަ އަހަރާ ހަމައަށް ގައުމީ ފުޓްބޯޅަ ތަށި މިލްކުރި ހަމައެކަނި ކުލަބަކީ ވިކްޓަރީ އެވެ. އެކުލަބު ވަނީ 1985 އާއި 2002 ވަނަ އަހަރު ގައުމީ ތަށި މިލްކުކޮށްފަ އެވެ.

އާ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ވިކްޓަރީ ތައްޔާރުވާން ފަށާފައިވާއިރު ޓީމުގެ ހެޑްކޯޗަކަށް ހުންނާނީ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު ނަޒީހު އެވެ.