ރައީސް މުހައްމަދު ނަޝީދު

ޝަންގްރިއްލާ ހުޅުވަން ސަރުކާރުން މަސައްކަތެއް ނުކުރޭ: ނަޝީދު

ޝަންގްރިއްލާ ރިސޯޓް ހުޅުވަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އައްޑޫއަށް އެންމެ ބޮޑަށް ބޭނުންވަނީ ރައްޔިތުންނަށް އާމްދަނީއެއް ލިބޭނެ ގޮތަށް ކަންކަން ކުރުން ކަމަށެވެ.

އައްޑޫ ސިޓީގައި 8،000 އެނދު ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫގައި 8،000 ޓޫރިސްޓް އެނދު ގާއިމުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވައުދުވި ނަމަވެސް އެކަން ނުވި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޝަންގްރިއްލާ ހުޅުވުމަށް ކަމާ ގުޅޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދެ މަސް ތެރޭގައި ޝަންގްރިއްލާ އަލުން ހުޅުވޭނެ ކަމަށެވެ. އެގޮތުން ދިވެހި ކުންފުންޏަކާއި ބޭރު ކުންފުންޏަކާއެކު ޝަންގްރިއްލާ ގަތުމަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

ޝަންގްރިއްލާ ހިންގާ ކުންފުނީގައި ސަރުކާރުގެ 30 ޕަސަންޓް ހިއްސާ އޮންނާތީއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް ސަރުކާރުގެ ހިއްސާ އޮންނާތީ އެކަމަށްވެސް ރައީސް ނަޝީދު ވަނީ ފާޑު ވިދާޅުވެފަ އެވެ.

"ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އެތަނުގައި ބާއްވައިގެން އުޅެންވީ އެއްވެސް ސަބަބެއްވެސް ނެތް، ކިތަންމެ ދުވަހެއްވެއްޖެ އައްޑޫ ރައްޔިތުންވެސް އަދި އެތަން ގަންނަން އުޅޭ މީހުންވެސް މިކަމަށް ވަކާލާތު ކުރާތާ،" ނަޝީދު ވިދާޅުވި އެވެ.

ގަން އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ އެހެން ބަޔަކަށް ނުވިއްކާތީ އެ އެއާޕޯޓްވެސް ތަރައްގީ ނުވެ ދުވަސްތައް ފާއިތުވަމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ޝަންގްރިއްލާ ބަންދުކުރީ ކޮވިޑް-19ގެ ސަބަބުން 2020ވަނަ އަހަރު އެވެ.

ޝަންގްރިއްލާ ރިސޯޓަށް އިހުމާލުވި ބަޔަކާ މެދު އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ރައީސް ސޯލިހް އެހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މިދިޔަ ހަފުތާގައި ސ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ އައްޑޫސިޓީގެ ތަރައްގީއާ ގުޅިފައިވާ ޝަންގްރިލާ ރިސޯޓަށް ވާނުވާއެއް މިހާތަނަށް އައި އިރު އެއްވެސް ސަރުކާރަކުން ބަލާލާފައި ނެތް ކަމަށެވެ.

ސަރުކާރުން މީގެކުރިން ބުނި ގޮތުގައި ޝަންގްރިއްލާ ހުޅުވުން ލަސްވަނީ އެ ރިސޯޓު ހިންގާ ކުންފުނީގައި އޮތް ސަރުކާރު ހިއްސާ ވިއްކާލުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ލަސްވާތީއާއި އެ ރިސޯޓު ތަރައްގީކުރަން ނަގާފައިވާ ލޯނަށް ސަރުކާރުން ދައްކަންޖެހޭ އަދަދު ބޮޑުވާތީ އެވެ. ހިއްސާ ވިއްކުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލު މިހާރު ވަނީ ގެނެސްފަ އެވެ.

އައްޑޫ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމަނައިގެން އުފައްދާފައިވާ އައްޑޫ އިންވެސްޓްމަންޓުން ހަދާފައިވާ ރިސޯޓެކެވެ. މި ކުންފުނިން ވޯލްޑް ބޭންކުން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައި ސަރުކާރުގެ ފައިސާއާއެކު ޖުމްލަ 150 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ މި ރަށުގައި 132 ވިލާ ހުރެ އެވެ. ގާތްގަނޑަކަށް 50 ހެކްޓަރުގެ ބޮޑު މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނައިރު، ސްޕާ އާއި ދެ ޓެނިސް ކޯޓު ގޮލްފް ކޯހެއް ވެސް މި ރިސޯޓުގައި ހުރެ އެވެ.