ދުނިޔެ

ބްރެޒިލްގެ ރިޔާސީ ގަނޑުވަރު ބަލަހައްޓާ ސިފައިން މަދުކޮށްފި

ބްރެޒިލްގެ ރިޔާސީ ގަނޑުވަރުގެ ސެކިއުރިޓީންގެ ތެރެއިން 40 ސިފައިން -- ރައީސް ލޫލާ ދަ ސިލްވާގެ އަމުރަށް -- މަގާމުން ދުރުކޮށް ސިފައިންގެ އެހެން މަރުކަޒަކަށް ބަދަލުކޮށްފި އެވެ.

މިއީ ޖެނުއަރީ އަށެއްގައި އިދިކޮޅުން ގެންނަން މަސައްކަތްކުރި ބާޣާވާތުގެ ކުލަ ޖެހިފައި ތިބި ސިފައިން ކަމަށް ލޫލާ ވިދާޅުވި ކަމަށް ޚަބަރުތައް ބުނެ އެވެ.

ރިޔާސީ ގަނޑުވަރު -- އަލްވޮހޮދާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ވައިގެ ސިފައިންގެ މެމްބަރުންނާއި ކަނޑުގެ ސިފައިންގެ މެމްބަރުން ހިމެނޭ ކަމަށް ވެސް ޚަަބަރުތައް ބުނެ އެވެ. އަދި ހަތިޔާރުއެޅި ފުލުހުން ވެސް ތިބޭ ކަމަށްވެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލޫލާ ވިދާޅުވި ގޮތުގައި މަގުތަކަށް ނުކުތް އާންމުންނަށް ރިޔާސީ ގަނޑުވަރަށް އެހާ ފަސޭހައިން ވަދެވުނީ ސެކިއުރިޓީންގެ އަތެއް އޮވެގެންނެވެ. ގާޑުންގެ ތެރޭގައި ސަރުކާރަށް ވަފާތެރި ނޫން މީހުން ތިބި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ލޫލާ ތުހުމަތުކުރައްވާ ގޮތުގައި ބްރެޒިލްގައި ހަމަނުޖެހުން ހިންގަނީ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ވިދާޅުވެގެންނެވެ.

ބޮލްސޮނާރޯ ގައުމުން ބޭރުގައި މިހާރު ހުންނެވި ނަމަވެސް ހުރިހާ ރޭވުމެއް ރާއްވަނީ އޭނާގެ އޯޑަރަށް ކަމަށްވެސް ލޫލާ ވިދާޅުވި އެވެ.

ބްރެޒިލްގައި ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ހައްޔަރުކޮށްފައިވާއިރު -- ހަމަނުޖެހުންތަކުގައި ބޮލްސޮނާރޯގެ އަތެއް އޮތްތޯ ދަނީ ބަަލަމުންނެވެ. މިގޮތުން ހަމަނުޖެހުންތައް އިންތިޒާމުކޮށް ސޯޝަލް މީޑިއާގައި އެނައުންސް ކުރި މީހުން ވަނީ ސުވާލުކުރުމަށް ހައްޔަރުކޮށްފަ އެވެ.

ލޫލާ ވިދާޅުވާ ގޮތުގައި އަސްކަރިއްޔާގައި ބޮލްސޮނާރޯގެ ނުފޫޒު ވަރަށް ގަދަ އެވެ. އަދި އަސްކަރީ ބަޣާވާތަކުން ވެރިކަން ވައްޓާލަން ރޭވުމަކީވެސް އިދިކޮޅުން ކުޅެފާނެ ކުޅިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި އެމެރިކާއާ އެކު ތިބި ގައުމުތަކުން ބުނާ ގޮތުން އެ މީހުން ތިބީ ލޫލާއާ އެކު އެވެ. އަދި ލޫލާގެ ސަރުކާރުން ކޮންމެ ކަމަކަށް އެދުނު ނަމަވެސް އެ ކަމެއްގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.