ދިވެހި މީޑިއާ

ހަތް ދާއިރާއަކުން ނޫސްވެރިކަމުގެ އެވޯޑް ދެނީ

ނޫސްވެރިކަމުގެ އިނާމު މި އަހަރު ހަތް ދާއިރާއަކުން ދިނުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބުނެފި އެވެ.

އެ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކައުންސިލުގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ، ކައުންސިލުން މިފަހަރު ފާސްކޮށްފައިވަނީ މިހާތަނަށް އެ ކައުންސިލުން ނޫސްވެރިންނަށް ދީފައިވާ އެވޯޑުތަކަށް ވުރެ ތަފާތު އެވޯޑްތަކެއް ދިނުމަށް ކަމަށެވެ.

އެމްއެމްސީ އިން ވަނީ މި އަހަރު ހަތް ދާއިރާއަކުން ނޫސްވެރިންނަށް އެވޯޑް ދިނުމަށް ނިންމާފައެވެ. އެމްއެމްސީން ބުނީ ހަތް ދާއިރާއަކުން އެވޯޑު ދޭން ނިންމީ، ނޫސްވެރިކަން ފުޅާކޮށް ވީހާ ވެސް ގިނަ ބަަޔަކަށް އެވޯޑު ދިނުމުގެ މަގްސަދުގަައި ކަމަށާއި ހަތް ދާއިރާއަށް ވެސް ޓީވީ، ރޭޑިއޯ އަދި ޕްރިންޓް/އޮންލައިންގެ ނޫސްވެރިންނަށް ކުރިމަތިލެވޭނެއެވެ.

މިފަހަރު އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

  • ކުޅިވަރު ރިޕޯޓު
  • އިޖުތިމާއީ ރިޕޯޓު
  • ސިޔާސީ ރިޕޯޓު
  • ވިޔަފާރި ރިޕޯޓް
  • ކޯޓު ރިޕޯޓް
  • ފޮޓޯ ޖާނަލިޒަމް
  • ވީޑިއޯ ޖާނަލިޒަމް

މޮންދު ވިދާޅުވީ، ނޫސްވެރިންގެ ތެރޭގައި ހުރިހާ ދާއިރާއެއް ވެސް ކަވަރު ކުރާ ނޫސްވެރިން ތިބޭއިރު އެއް ދާއިރާއަކަށް ވުރެ ގިނަ ދާއިރާއަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އަދި އެއް ދާއިރާއަށްވުރެ ގިނަ ދާއިރާއިން އެވޯޑް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްސީ އިން ނޫސްވެރިންގެ އެވޯޑަށް ބޮޑެތި އިނާމުތައް ކަނޑައަޅާފައިވާއިރު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަދި ހުޅުވާލާފައެއް ނުވެ އެވެ. އެކަމަކު އެވޯޑާ ބެހޭ މައުލޫމާތު ހުރިހާ މީޑިއާތަކަށް ވަކިވަކިން ފޮނުވައި، އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މޮންދު ވިދާޅުވި އެވެ.

އެމްއެމްސީ އިން މީގެ ދެ އަހަރު ކުރިން ފެށި، ނޫސްވެރިކަމުގެ އެވޯޑަކީ ކޮންމެ އަހަރެއްގެ ވެސް މޭ ތިނެއް ގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަން ދުވަހު ދޭ އެވޯޑެކެވެ.