އާ ފަންކްޝަންތަކަކާއެކު މީރާގެ އާ ވެބްސައިޓް އަދި މީރާގެ އާ މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށްފި އެވެ.
މީރާ އިން ބުނީ ވެބްސައިޓާއި އެޕްލިކޭޝަނަށް ބަދަލުތަކެއް ގެނައުމުގެ މަގުސަދަކީ ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން ޓެކުހާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ޓެކުހާ ގުޅޭ އިލްތިޒާމުތައް ފުރިހަމަކުރުމުގައި ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ.
މީރާގެ އާ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ މިއަދު މެންދުރުފަހު މީރާގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އާއި މީރާގެ ބޯޑުގެ ޗެއާޕާސަން އަހްމަދު ސަރުވަޝް އާދަމް އެވެ.
މީރާގެ ވެބްސައިޓުގައި ހިމެނޭ އާ ކަންތައްތަކަށް ބަލާއިރު، މީރާއަށް ހުށަހަޅާ ހުރިހާ ފޯމެއް ވެބްސައިޓް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ ގޮތްވެސް ވަނީ ހަމަޖައްސާފަ އެވެ.
މީރާގެ އާ ވެބްސައިޓުގައި 'ލައިވް ޗެޓް' ފަންކްޝަން ވެސް މިހާރު ވަނީ ހިމަނާފަ އެވެ. އަދި ޓެކުހާ ގުޅޭ މުހިއްމު މައުލޫމާތު ފަސޭހައިން ލިބޭނެ އިންޓާއެކްޓިވް ގައިޑްތައްވެސް ހިމަނާފައިވެ އެވެ.
މީގެ އިތުރުން ޓެކްސްގެ ގާނޫނުތަކާއި ގަވާއިދުތަކާއި، މީރާއިން ޝާއިރުކުރާ ތަފާސް ހިސާބުތަކާއި އަދި އެހެނިހެން މުހިއްމު ހަބަރުތައް ފަސޭހައިން ހޯދޭނެ ގޮތްވެސް ހަމަޖައްސާފައިވެ އެވެ.

މީރާގެ އާ މޯބައިލް އެޕްލިކޭޝަނަށް ބަލާއިރު ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ބޭނުންކުރާ މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ޓެކުހާއި ފީ ބަލައިގަންނަ އޮންލައިން ޕޯޓަލް "ވާރުޕޭ"ގެ ގިނަ ހިދުމަތްތައް ވެސް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ގޮތް ފަހިކޮށްދީފައިވެ އެވެ.
މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކުހުގެ މުހިއްމުގެ ސުންގަޑިތައް ދެނެގަނެ، ފޯނުގެ ކަލަންޑަރަށް ރިމައިންޑާ ލެވޭނެ ގޮތްވެސް ހަދައިދީފައިވެ އެވެ. އަދި މީރާގެ ކައުންޓަރުތަކުން ހިދުމަތް ހޯދުމަށް ޓޯކަން ނަންބަރު ނަގައި، ކިއު ތަރުތީބު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ބަލައިލެވެ އެވެ. ޓެކުހާ ގުޅޭ މައުލޫމާތު ހޯދުމަށް އެޕޮއިންޓްމަންޓަށް އެދުމާއި މައުލޫމާތު ސެޝަންތައް ބޭއްވުމަށް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެ ގޮތް ވެސް ހަމަޖައްސައިދީފައިވެ އެވެ.
މީރާގެ މޯބައިލް އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.