ކްރިމިނަލް ކޯޓް

ޝިއާއުގެ މަރު: ޝަރީއަތް ސިއްރުކޮށްގެން ފަށަނީ

Jan 20, 2023

ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ފެށުމަށް ތައްޔާޒުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުން ވަނީ އަންނަ އާދިއްތަ ދުވަހު މިމައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ފެށުމަށް ނިންމާފަ އެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލްގެ މައްޗަށެވެ. ދައުލަތުން އޭނާއަށް ކުރާ ފަަސް ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ.

ޝާހިލްގެ މައްޗަށް ކުރެވޭ ދައުވާތައް:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • އޮރިޔާން ކާޑު ގެންގުޅުން
  • މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް ބޭނުންކުރުން

ޝިއާއު މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރެ އެވެ.

ޝިއާއުގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ޝާހިލްއާ އެކު އެ އެޕާޓްމެންޓުގައި އުޅުނު ދެމަފިރިންނެވެ. ޝިއާއު މަރާލި ކަމަށް ތުހުމަތުކުރާ ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިން މަސްތުގެ ހާލަތުގައި ހުއްޓަ އެވެ.

ފުލުހުން ބުނީ ޝިއާއު މަރުވީ ލިބުނު ޒަހަމްތަކުންކަން ޕޯސްޓްމޯޓަމް އިން އެނގޭ ކަމަށާއި ޝިއާއު މަރުވި ފަހުންވެސް ބައެއް ގުނަވަންތަކަށް ހަމަލާދީފައިވާކަން ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ.

ޝިއާއުގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ޝާހިލްގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާފައިވާއިރު ނަފުސާނީ މައްސަލައެއް ޝާހިލްގެ ހުރިކަން ފާހަގަނުކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.