މޫސުން

މާލެއަށް ބޯކޮށް ވާރޭވެހި، ދަތިތަކާ ކުރިމަތި ވެއްޖެ

ވެރިރަށް މާލެއަށް ބޯކޮށް ވާރޭ ވެހި، އާންމުންނަށް ދަތިތަކާ ކުރިމަތި ވެއްޖެ އެވެ. މިއަދު މެންދުރުން ފެށިގެން މޫސޫން ގޯސްވުމަށްފަހު މެންދުރު ފަހު ގާތްގަނޑަކަށް 3:30 އިން ފެށިގެން މާލޭއަށް ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހިފަ އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއް ވަރަށް ބޮޑަށް ފެން ހެދި، އާންމުންނަށް ތަންތަނަށް ދިއުމަށް ހިނގާ ބިގާވެ އުޅުމަށާއި ދުއްވާ ތަކެއްޗަށް ދަތިވެފައިވާއިރު ވާރޭގެ ސަބަބުން އާންމުން ދިރިއުޅުމަށް ވަނީ ބުރޫތައް އަރާފައެވެ.

މާލެއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭއިރު ރާއްޖޭގެ މެދު އަތޮޅުތަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 15:30 އިން މިރޭ 20:00 ށެވެ.

މެޓް އޮފީހުން މޫސުމާބެހޭ ކަންކަމުގައި ނެރޭ ދެ އެލާޓަކީ ހުދާއި ރީނދޫ އެލާޓެވެ.

ހުދު އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ އެވެ. ރީނދޫ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމަ އެވެ.

މެދުއަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެެވެ. އެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 40 މޭލަށް މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވެ އެވެ. ރާއްޖޭގެ އުތުރާއި ދެކުނަށް ވައި ޖެހޭނެކަމަށް ލަފާކުރެވެނީ ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުނެއެވެ.