ދުންޔާ މައުމޫން

ނަޝީދު ވަޑައިގަތީ މެޑިކަލް ލީވަކަށް ނޫން، މީޑިއާ ލީވްއަކަށް: ދުންޔާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ ބޭސްފަރުވާއަށް ވުރެ ބޮޑަށް މީޑިއާ ކެމްޕެއިން ކުރައްވަން ކަމަށް ބުނެ ފޮރިން މިނިސްޓްރީ އިން ފާޑުވިދާޅުވެއްޖެ އެވެ.

މިނިސްޓްރީން މިހެން ބުނީ، 13 އަހަރަށް ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ވަޑައިގެންނެވި ނަޝީދު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރެއްވުމުންނެވެ. އަދި އެ ޕްރެސްކޮންފަރެންސްގައި ނަޝީދު ވަނީ ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ބައިނަލްލަގުވާމީ ފިއްތުންނަށް ރާއްޖެއާމެދު އިތުރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ ނަޝީދުގެ ބައްޔަށް ރާއްޖޭއިން ފަރުވާ ހޯދެން އޮތް އިރުވެސް އެމަނިކްފާނުގެ އެދިވަޑައިގަތުމުގެ މަތިން އިނގިރޭސިވިލާތައް ވަޑައިގަތުމަސް ސަރުކާރުން ހުއްދަ ދީފައިވާނެ ކަމަށެވެ. އަދި 30 ދުވަހުގެ މުއްދަތަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ނަޝީދަށް ހުއްދަ ދިނީ ވަރަށް އިތުބާރުކޮށްފަ ކަމަށެވެ. ނަމަވެސް ނަޝީދު މިހާތަނަށް ވަނީ ދަތުރު ސިޔާސީކޮށް އެކި މީސްމީހުނާއި ބައްދަލުކޮށް މީޑިއާ އަށް މައުލޫމާތުދެމުން ކަމަށެވެ.

މީގެ އިތުރުން މިއަދު ނަޝީދުގެ ގާނޫނީ ވަކީލުން ބޭއްވި ޕްރެސް ކޮންފަރަންސްއަށް އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނަރާއިއެކުދިޔަ އެމެރިކާގެ ޓީމުން ވަނުމަށް އެތަށް ފަހަރަށް އެދުނު ނަމަވެސް އެ ހުއްދަ ދީފައި ނުވާ ކަމަށެވެ.

"މިހާރު ވަރަށް ސާފުވެއްޖެ ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ދިޔައީ ބޭރުފުށުން ދައްކަމުން އައިފަދައިން ބަލި ވެގެންނެއް ނޫންކަން. ސަރުކާރުން ނަޝީދަށް އިތުބާރުކޮށް ފޮނުވީ ބޭސްފަރުވާއަށް. އެކަމަކު މިހާރު އެނގޭ ނަޝީދު ދިޔައީ އެގައުމުގައި މަޝްހޫރުކަން ހޯދަން. މިއީ މެޑިކަލް ލީވް އެއްނޫން. މިއީ މީޑިއާ ލީވް އެއް،" އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ މީޑިއާގައި ކިތަންމެ ގިނަ ސްޓަންޓުތަކެއް ޖެއްސިޔަސް ނަޝީދު ބަލިވީ ބައިނަލްލަގުވާމީ ގޮތުން ގަބޫލުކުރާ ފެންވަރުގެ އިންތިހާބަކުން ކަމަށާއި އަދި އޭނާ ވަނީ ޖަޖެއް ހައްޔަރުކުރުމުގެ ކުށެއް ކޮށްފައިވާ ކަން ބަދަލެއް ނުރެވޭނެ ކަމަށެވެ.