ކްރިމިނަލް ކޯޓް

ސާހިލަށް ދައުލަތުން ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފި

Jan 22, 2023

ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފި އެވެ.

ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ފަށާފަ އެވެ. ޝަރީއަތް ގެންދަނީ ސިއްރުކޮށްގެންނެވެ.

ޕީޖީ އޮފީހުގެ އޮފީހުން ބުނީ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ސާހިލަށް ވަކީލަކު ހަމަޖައްސަން ކޯޓުން މިއަދު ފުރުސަތު ދީފައިވާ ކަމަށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ޖިނާއީ ބޮޑެތި ކުށްތަކުގައި އަމިއްލަ އަށް ވަކީލަކު ހޯދަން ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން ވަކީލުން ހަމަޖައްސައިދޭން ޖެހެ އެވެ. މިކަމާ ގުޅޭ ހާއްސަ އުސޫލެއް ބަންޑާރަނައިބް އޮފީހުން ވަނީ އެކުލަވާލާފަ އެވެ.

ދައުލަތުން އޭނާއަށް ކުރާ ފަަސް ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ.

ޝާހިލްގެ މައްޗަށް ކުރެވޭ ދައުވާތައް:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • އޮރިޔާން ކާޑު ގެންގުޅުން
  • މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް ބޭނުންކުރުން

ޝިއާއު މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރެ އެވެ.

ޝިއާއުގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ޝާހިލްއާ އެކު އެ އެޕާޓްމެންޓުގައި އުޅުނު ދެމަފިރިންނެވެ. ޝިއާއު މަރާލި ކަމަށް ތުހުމަތުކުރާ ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިން މަސްތުގެ ހާލަތުގައި ހުއްޓަ އެވެ.

ފުލުހުން ބުނީ ޝިއާއު މަރުވީ ލިބުނު ޒަހަމްތަކުންކަން ޕޯސްޓްމޯޓަމް އިން އެނގޭ ކަމަށާއި ޝިއާއު މަރުވި ފަހުންވެސް ބައެއް ގުނަވަންތަކަށް ހަމަލާދީފައިވާކަން ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ.

ޝިއާއުގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ޝާހިލްގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާފައިވާއިރު ނަފުސާނީ މައްސަލައެއް ޝާހިލްގެ ހުރިކަން ފާހަގަނުކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.