އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަތޮޅު ތެރޭގެ ކެމްޕޭން ފަހު ދަތުރަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ވަޑައިގެންފި އެވެ.
ނަޝީދު އަރިހުގައި މިދަތުރުފުޅުގައި އައްޑޫއަށް ނިސްބަތްވާ ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ ދިޔާނާ ސައީދާއި ޑރ. މުހައްމަދު މުނައްވަރުވެސް މިއަދު އައްޑޫ އަށް ވަޑައިގެންނެވި އެވެ. މުނައްވަރަކީ އެމްޑީޕީގެ ރައީސް ކަންވެސް ކުރިން ކުރެއްވި ބޭފުޅެކެވެ. ދިޔާނާ ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބު ކަން ކުރައްވާފަ އެވެ.
ރައީސް ނަޝީދު އަރިހުގައި ދިޔާނާ އާއި ޑރ. މުނައްވަރު އައްޑޫއަށް ވަޑައިގެންނެވި ނަމަވެސް މި ދެ ބޭފުޅުންނަކީ މިހާރު އެމްޑީޕީ މެންބަރުން ނޫން ކަމަށް އެޕާޓީން ބުނެފައިވެ އެވެ.
ނަޝީދު ވަނީ ކުރިއަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާން ވާދަކުރައްވާއިރު ރަނިންމޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވާފަ އެވެ. އަދި ރައީސް ނަޝީދު ދަނީ މާލޭގައި ވެސް ކެމްޕޭން ޖަލްސާތައް ބާއްވަމުންނެވެ.
ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ސަރުކާރުގެ ވައުދުތައް ފުއްދިފައި ނުވާކަން ފާހަގަކޮށްދެއްވާ އެމްޑީޕީގެ ދަފްތަރުން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އުނިކޮށްފައިވާ ކަމަށް ނަޝީދު ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ތަންފީޒުކުރަނީ އެމްޑީޕީގެ މެނިފެސްޓޯ ނޫން ކަމަށާއި އެމަނިކުފާނު އަންނަނީ ސިޔާސީ ނިޒާމު ގަޑުބަޑު ކުރަމުން ކަމުގައި ވެސް ނަޝީދު ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ނަޝީދު ވަނީ ޕްރައިމަރީ އިން އެމަނިކުފާނު ބަލިވާތަން ފެނިވަޑައިނުގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
