ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޕްރައިމަރީ ނިންމަން ރައީސް އައްޑޫއަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމާލެއްވުމުގެ ގޮތުން ރައީސުޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަލުން އައްޑޫއަށް ވަޑައިގަންނަވަން ނިންމައިފި އެވެ.

ރައީސް އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އަދި އެރޭ 8:30 ގައި ރައީސް ބައިވެރިވާ ކެމްޕޭން ޖަލްސާއެއް އައްޑޫ ސިޓީ ބާޒާރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ވަނީ ކެމްޕޭން ދަތުރެއްގައި މި މަހުގެ 13 ވަނަ ދުވަހު ވެސް އައްޑޫއަށް ޒިޔާރަތްކުރައްވާފަ އެވެ. މިދަތުރުފުޅުގައި ރައީސް ވަނީ އައްޑޫގެ ބައެއް ގޭބިސީތަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވާ ޝަކުވާތަކާއި ކަންބޮޑުވުންތައް އައްސަވާފަ އެވެ. އަދި އައްޑޫގައި ހިނގަމުންދާ ބައެއް މަސައްކަތްތައް ވެސް ބައްލަވާލެއްވި އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހަވީރު އައްޑޫއަށް ވަޑައިގަންނަވާނެ އެވެ. ރައީސް ނަޝީދުގެ މިދަތުރުފުޅަކީ މި ކެމްޕޭންގައި އެމަނިކުފާނު އަތޮޅު ތެރެއަށް ކުރައްވާ ފަހު ދަތުރުފުޅެވެ.

ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް ވަނީ ހއ. އަތޮޅާއި، ހދ. އަތޮޅާއި ނ. އަތޮޅާއި، ރ. އަތޮޅާއި ބ. އަތޮޅާއި، ކ. އަތޮޅާއި، ޅ. އަތޮޅަށް ޒިޔާރަތްކުރައްވާފަ އެވެ. މީގެއިތުރުން ލ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށްވެސް ޒިޔާރަތްކުރައްވާފަ އެވެ.