ބޭރު ކުޅިވަރު

ކުޅުންތެރިންނަށް ޗުއްޓީ ދީފައި ވެންހާލް ފުރީ ދަރިފުޅުގެ ޕާޓީ އަށް

ކުޅުންތެރިންނަށް ދެ ދުވަހުގެ ޗުއްޓީ ދީފައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ލުއިސް ވެންހާލް ދިޔައީ އޭނާގެ އަންހެން ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީ އަށް ނެދަލޭންޑްސް އަށް ކަމަށް އިނގިރޭސި ނޫސްތަކުން ބުނެފި އެވެ.

ސައުތެމްޓަން އަތުން ހޮނިހިރު ދުވަހު 1-0އިން ބަލިވި މެޗަށް ފަހު ވެންހާލް ވަނީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކުރިއަށް އާދީއްތަ ދުވަހާއި ހޯމަ ދުވަސް ޗުއްޓީ ކަމަށް ބުނެފަ އެވެ. މިއީ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ކޯޗު އާއްމުކޮށް ނުކުރާ ކަމެކެވެ.

ކޯޗު މިގޮތަށް އަމަލުކުރުމުން މިއީ ވަރަށް ބޮޑު ހައިރާންކަމެއް ކަމަށް ވެސް އިނގިރޭސި މީޑޔާއިން ބުނެ އެވެ. އަދި އޭނާ އެނބުރި ނައިސްފިނަމަ ސީޒަން ނިމެންދެން ކޯޗުކޮށްދޭނީ ރަޔަން ގިގްސް ކަމަށް ވެސް ބުނެފަ އެވެ.

ވެންހާލްގެ މިފަދައިން އަމަލުކުރިއިރު އޭނާގެ މަގާމު ވެސް ވަނީ ސުވާލު މާކެއްގެ ތެރޭގަ އެވެ. އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު ކުލަބުގެ މެނޭޖްމަންޓާއި ސަޕޯޓަރުންގެ ފަރާތުން ވެސް އޭނާ އަށް ވަނީ ފިއްތުންތައް ކުރިމަތިވެފަ އެވެ.

ވެންހާލްގެ ބަދަލުގައި އަންނަ ސީޒަނުގައި މެންޗެސްޓާގެ ކޯޗަކަށް ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ގެންނަން އުޅޭ ވާހަކަތަކުގެ އަޑުވެސް ވަކި މަޑެއްނޫނެވެ.