ބޭރު ކުޅިވަރު

ބުފޮން ކުޅުން ހުއްޓާލީ ވޯލްޑް ކަޕަށް ފަހު

އިޓަލީ އާއި ޔުވެންޓަސްގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ކުޅުން ހުއްޓާލާނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅެފައި ކަމަށް އޭނާ ބުނެފި އެވެ.

ތަޖުރިބާކާރު ކީޕަރުގެ އުމުރުން މިހާރު 37 އަހަރެވެ. ރަޝިޔާގައި މީގެ ދެ އަހަރު ފަހުން ބާއްވާ ވޯލްޑް ކުޅޭއިރު އޭނާ އުމުރު 40 އަހަރާ ގާތްކުރާނެ އެވެ.

ބުފޮން އަކި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބުކޮށްދިން ކުޅަދާނެ ކީޕަރެވެ. އަދި އޭނާ ދުނިޔޭގެ އެންމެ އަގޮބުޑު ކީޕަރުގެ ގޮތުގައި ކުލަބު ބަދަލު ކުރުމަށްފަހު އޭނާ ވަނީ މިހާތަނަށް ޔުވެންޓަސް އަށް ހަ ފަހަރު އިޓާލިއަން ލިގު ކާމިޔާބުކޮށްދީފަ އެވެ.

"އަހަރެން މަސައްކަތް ކުރަނީ ދެން އަންނަ ވޯލްޑް ކަޕުގައި ކުޅެން. އޭގެ ފަހުން އަހަރެންގެ ދޮރު ބަންދުވާނެ. އެއީ 2018ގެ ވޯލްޑް ކަޕާ ހިސާބުން،" ހުސްވި އަހަރުގެ އިޓަލީގެ ކުޅިވަރު ޝަހުސިއްޔަތުގެ އެވޯޑް ލިބިގަތުމަށްފަހު ބުފޮން ބުންޏެވެ.

ނަމަވެސް ފީފާއިން ހޮވި މިދިޔަ އަހަރުގެ ދުނިޔޭގެ ޑްރީމް ޓީމަށް ވާދަކުރި މޮޅު ތިން ކީޕަރުގެ ތެރޭގައި އޭނާ ނުހިމެނެ އެވެ. މިކަމާ ބުފޮން ވަނީ މައްސަލަ ވެސް ޖައްސައިފަ އެވެ. އަދި މިކަމާ ދެކޮޅު ހެދުމުގެ ގޮތުން އިޓަލީގެ ފެޑަރޭޝަނުން ވަނީ އެ ގައުމުން ފީފާ އެވޯޑަށް ވޯޓުނުލާން ވެސް ނިންމައިފަ އެވެ.

"އަހަންނަށް ހައްގު އެ މަގާމަށް ވާދަކުރުން. އެކަމަކު އަހަންނަށް އެނގޭ އެ މަގާމު ނުލިބޭނެކަން. އެ މަގާމު އަހަންނަށް ލިބިއްޖެނަމަ އެއީ ވަރަށް ބޮޑު އަޖާއިބަކަށްވާނެ،" ބުފޮން ބުންޏެވެ.