ބޭރު ކުޅިވަރު

ކުޅުންތެރިން ނުގަނެވޭ މައްސަލަ އެތްލެޓިކޯއިން އިސްތިއުނާފުކޮށްފި

ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓުގައި އެތްލްޓިކޯ މެޑްރިޑަށް ކުޅުންތެރިން ގަތުން ފީފާއިން މަނާކޮށްފައިވާތީވެ އެކުލަބުން އެކަން އިސްތިއުނާފުކޮށްފި އެވެ.

ފީފާއިން އެތްލެޓިކޯ އާއި ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅުންތެރިން ގަތުން މަނާކުރީ ގަވާއިދާ ހިލާފަށް 18 އަހަރުން ދަށުގެ ކުޅުންތެރިން ލައްވައި ސޮއިކުރިވާފައިވާ ކަމަށް ބުނެ އެވެ.

"އަހަރުމެން އަމަލުކޮށްފައިވަނީ ގާނޫނީ އިމުގެ ތެރޭގައި،" އެތްލެޓިކޯއިން ނެރެފައިވާ ބަޔާނުގައިވެ އެވެ.

ކުޅުންތެރިން ގަތުން މަނާކޮށްފައިވާއިރު އެތްލެޓިކޯ ވަނީ 900000 ސްވިސް ފްރޭންކުން ޖޫރިމަނާވެސްކޮށްފަ އެވެ.

ރެއާލް އާއި އެތްލެޓިކޯ އަށް އަދަބު ދީފައިވަނީ މިވަނީ ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާ ވެސް މި މައްސަލާގައި ސަސްޕެންޑްކޮށްފައިވަނިކޮށެވެ. ބާސެލޯނާ އަށް ދިން ސަސްޕެންޝަން ހަމަވީ މި މަހު އެވެ.

މި މައްސަލާގައި ބާސެލޯނާއިން ވެސް އިސްތިއުނާފުކުރި އެވެ. އެފަހަރު ފީފާއިން ނިންމީ ޖެހިގެން އައި ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގަތުމަށް ހުއްދަދީފައި ދެން ޖެހިގެން އަންނަ ދެ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގަތުން މަނާކުރުމަށެވެ. އެތްލެޓިކޯއިން މައްސަލަ އިސްތިއުނާފު ކުރުމުން އެކުލަބަށް ހަދާނީ މިހެން ކަމަށް ސްޕޭނުގެ ނޫސްތަކުން ލަފާކުރެ އެވެ.