ބޭރު ކުޅިވަރު

ރޮނާލްޑޯ މޮރޮކޯ އަށް ދިއުން ރެއާލްއިން މަނާކޮށްފި

ކޮންމެ ބަންދު ދުވަހެއްގައި ރަހުމަތްތެރިއަކާ ބައްދަލުކުރަން ކްރިސްޓިއާނޯ ރޮނާލްޑޯ މޮރޮކޯ އަށްދާތީވެ ރެއާލްގެ ރައީސް ޕްލޮރެންޓީނޯ ޕެރޭޒް އެކަން މަނާކޮށްފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ޕޯޗުގަލްގެ ކެޕްޓަން މޮރޮކޯ އަށް ދަނީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އެ ގަމުގެ ބޮކްސިން ޗެމްޕިއަން ބަދްރު ހާރީއާ ބައްދަލުކުރުމަށެވެ.

ނަމަވެސް ރެއާލްގެ ރައީސް އެންމެ ފަހުން މިކަން މަނާކުރީ ރޮނާލްޑޯގެ ކުޅުން ދަށްވުމުގެ ސަބަބުންނެވެ.

ސްޕޭނުގެ ނޫސްތަކުން ބުނާގޮތުގައި ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހެއްގެ ހެނދުނު ޕްރެކްޓިސް ނިންމާލުމަށްފަހު ރޮނާލްޑޯ އޭނާގެ އަމިއްލަ ޖެޓްގައި ދަނީ މޮރޮކޯ އަށެވެ. އެނބުރި އަންނަނީ ހަވީރު އެވެ.

މިކަމާ ކަންބޮޑުވެގެން މިކަން މަނާކޮށް، ރޮނާލްޑޯގެ މޮރޮކޯ ދަތުރުތައް ހުއްޓުވައިދިނުމަށް ޕްރޭޒް ވަނީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ މޮރޮކޯގެ ރަސްގެފާނު މުހައްމަދަށް ވެސް އެކަން ދަންނަވާފަ އެވެ.

ރޮނާލްޑޯގެ ދަތުރުތައް ޕްރޭޒް މަނާމިކުރީ ރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 1-1އިން އެއްވަރުގެ ވާދަވެރި ބާސެލޯނާއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ހަތަރު ޕޮއިންޓް ފަހަތަށް ރެއާލް ދިޔަ މެޗަށް ފަހު އެވެ.

އަނެއްކޮޅުން ރޮނާލްޑޯ އާއި ޕްރޭޒްގެ ގުޅުން ވެސް އެހާ ރަނގަޅު ނޫން ކަމަށްވެ އެވެ. އެންމެ ބޮޑު ސަބަބަކީ ރޮނާލްޑޯގެ އޭނާ ނުފޫޒު ބޭނުންކޮށްގެން އެހެން ކުޅުންތެރިންގެ ބޮލަށް ސަވާރުވުމެވެ. އަދި ކުލަބުގެ ނިންމުންތަކާ ދެކޮޅު ހެދުމެވެ.